މިސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢުއަކީ އަންހެނުންނަށް ޖިންސީ ފުރައްސާރަކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވެފައި މިވަނީ ޓޫރިޒަމް މިނިސްޓަރީގެ އަންހެން މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރާ މައްސަލާގައި އޭނާގެ މައްޗަށް 7 ދަޢުވާއެއް އުފުލާ، ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް، އޭނާގެ ޕާސްޓްޕޯޓް ކޯޓުން ދޫކޮށްލުމުން ރާއްޖެ ދޫކުރައްވާ އިނގިރޭސިވިލާތަށް ވަޑައިގަތުމުން، މިސަރުކާރަށާއި، ޕްރޮސެކިއުޓަރ ޖެނެރަލަށް އަދި ކޯޓަށް ގިނަ ބައެއްގެ ފާޑުކިއުން ވަރަށް ބޮޑުވެފައިވަނިކޮށެވެ.
މިމައްސަލާގައި ގިނަ ބަޔަކު ބުނަމުންދަނީ ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ، މިސަރުކާރުން ފުރުވާލުމުންކަމަށެވެ.
މި މައްސަލައަށް އިޝާރާތްކުރައްވާ އަޙްމަދު ސަލީމް (ރެޑްވޭވް)ސަލީމް ވިދާޅުވީ، މިސަރުކާރން ހިންގާ އެންމެ ބޮޑެތި މަޝްރޫޢުތަކަކީ އަންހެނުންނަށް ޖިންސީ ފުރައްސާރަކުރުންކަމަށެވެ.
ސަލީމް މިހެން ވިދާޅުވެފައިވާއިރު، މިސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުމުގެ ގިނަ ތުހުމަތުތަކެއް މިހާތަނަށް ކުރެވިފައިވެއެވެ.
މިގޮތުން އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގެ ތުހުމަތުގައި މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި އަލީ އިކްރާމް ވަނީ ސަސްޕެންޑްކޮށްފައެވެ. އަންހެން މުވައްޒަފަކަށް މެސެޖްކުރައްވައި އަދި ދިމާވުމުން ފޮށި ހަދާކަމުގެ ތުހުމަތު އޭނާގެމައްޗަށް އެ އަންހެން މުވައްޒަފުކޮށްފައިވުމުން އެ ކުންފުނީގެ ބޯޑުން އޭނާ ސަސްޕެންޑްކުރީއެވެ.
މީގެ އިތުރުން ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލާގައި ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވެނީ މިސަރުކާރުގެ އިސް ބޭފުޅުންނާއި ގުޅުންހުރި ބައެއްގެ އާއިލީ ބަޔަކަށެވެ. އެގޮތުން މި މައްސަލާގައިވެސް މާބޮޑު ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައިނުވުމުން، "ރޯޔަލް" ކޭސްގެ ގޮތުގައި މުޚާތަބުކުރެވި، ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. ސަފާރީގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކުރި އެވެ. އެކަމަކު އެ ދެ މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމުގެ ތުހުމަތު ކުރެއެވެ.
އަންހެނުންނަށާއި ކުޑަކުދިންނަށް އެކި ކަހަލަ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުތައް ކޮށްފައިވާ ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަހުމަދު ފަޒީލްވެސް ސަސްޕެންޑުކޮށްފައިވެއެވެ. ފަޒީލްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ކުދިންގެ ގަޔަށް އަތްލުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގާ މަންޒަރާއި އޮރިޔާން ފޮޓޯ ފޮނުވުން ފަދަ ކަންކަން ހިމެނެ އެވެ. މި ތުހުމަތުތަކާއި ގުޅިގެން އޭނާ ފަހުން މަޢާފަށްވެސް އެދިފައިވެއެވެ.
އަދި މިސަރުކާރުގައި ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއީލް ޖިންސީ ފުރައްސާރަކޮށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ދި އެޑިޝަންގެ ކުރީގެ އެޑިޓަރު ރާއިއާ މުނައްވަރު ކުރައްވާ ތުހުމަތުތަކެއްވެސް ފެންމަތިވިއެވެ. އެ މައްސަލާގައި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހުން މަގާމުން އެކަހެރިކޮށް، އެމީހުންނަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލަން ގޮވާލައި މުޒާހަރާވެސް ކޮށްފައިވެއެވެ. ނަމަވެސް ޙަސަން މިހާރު ވަނީ އަމިއްލަ ސަބަބާއި ގުޅިގެންކަމަށް ވިދާޅުވެ މަޤާމުން ވަކިވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ