ދިއްދޫ ބަނދަރު ބޮޑުކޮށް، ޖެޓީ ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

ދިއްދޫ ބަނދަރު ބޮޑުކޮށް، ޖެޓީ ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

Author
މުޙައްމަދު ޖިމީ
11 ފެބްރުއަރީ 2021 09:01
0

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ބަނދަރު ބޮޑުކޮށް، ޖެޓީ ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާއި ޙަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކުރުމާއި، 326 މީޓަރުގެ އެއްގަމުތޮށި ހެދުމާއި، 616 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 185 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 174 މީޓަރުގެ ނެރު ފައިކަށި ޖެހުމާއި، 2 ނެރުބައްތި ޖެހުމާއި، 58 މީޓަރު ގްރޮއިން ޖެހުމާއި، 40 މޫރިންގް ބޮއި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ބޭރުތޮށީގެ ބަނދަރާވީ ފަރާތުގައި ދެ ކޮންކްރީޓް ޖެޓީ އެޅުމާއި، ރޭމްޕް ހެދުމާއި، 45 ބަނދަރު ބައްތި ޖެހުމާއި، 4320 ސްކުއަރ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 69.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ދިއްދޫ ބަނދަރު ބޮޑުކޮށް، ޖެޓީ ހެދުމުގެ މަސައްކަތް ހަވަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ‏މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އޯ.އޯ ޝާހިދު ޙުސެއިން މޫސާއެވެ.

ފަސް ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ދިއްދޫގައި ޖެޓީއެއް ނޯންނާނޓީ އެރަށަށް އަރައި ފައިބާ މީހުންނަށް ދަތިތަކެއް ހުރިކަމަށް އެރަށު ބައެއް މީހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.