ޑރ.ޖަމީލް، މަޖިލީހުގެ މެންބަރުންނަށް: ތިވަރުގެ ޑަބަލް ސްޓޭންޑާޑްގެ ބައެއް ނުދެކެން

ޑރ.ޖަމީލް، މަޖިލީހުގެ މެންބަރުންނަށް: ތިވަރުގެ ޑަބަލް ސްޓޭންޑާޑްގެ ބައެއް ނުދެކެން

Author
މުޙައްމަދު ޖިމީ
11 ފެބްރުއަރީ 2021 05:43
0

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރާއްޖެ ދޫކުރައްވާ ވަޑައިގަތުމުގައި، ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އަމަލުކުރައްވާފައި ވަނީ ރަނގަޅަށްތޯ ޖުޑިޝަރީ ކޮމިޓީން ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރުންތައް މިއަދު އެދިވަޑައިގަތުމުން ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވަރުގަދަ ރައްދެއް އެ މެންބަރުންނަށް ދެއްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމުގެ ކުުށުގައި7 ދައުވާއެއް އުފުލާފައިވާ ކުރީގެ ޓުރިޒމް މިނިސްޓަރ ޢަލީ ވަޙީދުގެ ޕާސްޓް ޕޯޓް ހިފެހެއްޓުމަށްފަހު ދޫކޮށްލުމުން ވަނީ އިނގިރޭސި ވިލާތަށް ވަޑައިގެންފައެވެ. އެކަމާއި ގުޅިގެން ސަރުކާރާއި ޕީޖީއަށާއި، ކޯޓަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާއިރު، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ އަންހެން މެންބަރުން ވަނީ އެ މައްސަލާގައި ޕީޖީގެ އިހުމާލެއް އޮތްތޯ ބެލުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި އެދިވަޑައިގެންފައވެެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ އެކަން ބަލައި ދިނުމަށް މަޖިލީހުގެ ރައީސްއަށް ދަންނަވާފައެވެ.

މިކަމާއި ގުޅިގެން ރައްދު ދެއްވަމުން ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވީ، ޕީޖީއާއި ކޯޓްތައް މިސަރުކާރަށް ލިބި، ގާތް މީހުންނާއެކު ޑީލް ހަދަމުން ދާކަމަށެވެ.

މިވަރުގެ ޑަބަލް ސްޓޭންޑާޑްގެ ބައެއް ނުދެކެން. މިމީހުންގެ ޕީޖީ، މިމީހުން ބަލަހައްޓާ ޖޭއެސްސީގެ ކޯޓު. ގުޅިގެން ހުރިހާ ކަމެއް ހިންގައި ގާތް މީހުންނަށް ހުރިހާ ޑީލްއެއް ދީފައި ކިނބޫގެ ކަރުނަ ބާލަނީ މިހާރު. ރައްޔިތުން ތިހާ ނިކަމެތި ނުކުރަށްވާ.

– ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

އަލީ ވަހީދުގެ މައްޗަށް އެ މައްސަލާގައި ދައުވާ އުފުލާފައިވާއިރު، އެ ދައުވާތައް ކޯޓުގައި ހިނގަމުން ދަނިކޮށް އަލީ ވަހީދު އިނގިރޭސި ވިލާތަށް ވަޑައިގަތުމުން، އޭނާ ފުރުވާލީ މިސަރުކާރުންކަމަށް ބުނެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.