ހަސީނާ ގައުމަށް ދަނީ ވިކްޓަރީ ޑޭގައި، "ފްލައިޓެއް ނުދޭނަން" – ސަރުކާރު

ހަސީނާ ގައުމަށް ދަނީ ވިކްޓަރީ ޑޭގައި، "ފްލައިޓެއް ނުދޭނަން" – ސަރުކާރު

Author
އަހުމަދު
25 ނޮވެމްބަރ 2026 10:04
0

 

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ޑިސެމްބަރު 16 ގައި ގައުމަށް އެނބުރި ވަޑައިގަތުމަށް ރާއްވަވާކަން އެކަމަނާގެ ތަރުޖަމާނު ހާމަކޮށްފި އެވެ. ވެރިކަމުން ވެއްޓުނުފަހުން ދެ އަހަރަށްވުރެ ގިނަ ދުވަހު ހަސީނާ ހުންނެވީ އިންޑިއާގަ އެވެ. ޑިސެމްބަރު 16 އަކީ 1971 ވަނަ އަހަރު ޕާކިސްތާނާ ދެކޮޅަށް ކުރި މިނިވަންކަމުގެ ހަނގުރާމަ ނިމުނު "ވިކްޓަރީ ޑޭ" އެވެ.

ތަރުޖަމާނު ސައިޔިދު މުޒައްމިލް އަލީ ރޮއިޓާސްއަށް ވިދާޅުވީ، 79 އަހަރުގެ ހަސީނާ އެނބުރި ވަޑައިގަތުމަށް ތާރީހެއް ކަނޑައަޅުއްވާފައިވާ ފުރަތަމަ ފަހަރު މިއީ ކަމަށާއި، ބިމާން ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއް ހަމަޖައްސައިދިނުމަށް ސަރުކާރަށް އެދިފައިވާ ކަމަށެވެ. 2024 ވަނަ އަހަރުގެ އޮގަސްޓް 5 ގައި ހަސީނާ އިންޑިއާއަށް ވަޑައިގެންނެވީ އަސްކަރީ މަތިންދާބޯޓެއްގަ އެވެ.

ނަމަވެސް ހަސީނާއަށް ގައުމަށް އާދެވޭނީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އެކަނި ކަމަށް ބަންގްލަދޭޝް ސަރުކާރުން ބުނެއެވެ. ދަރިވަރުންގެ މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް މީހުން މެރުމަށް އަމުރުކުރި މައްސަލާގައި، ޣައިރު ހާޒިރުގައި ކޯޓުން ވަނީ އެކަމަނާއަށް މަރުގެ އަދަބު ކަނޑައަޅާފަ އެވެ. ސްޓޭޓް މިނިސްޓަރު ފޯ ފޮރިން އެފެއާޒް ހުމާޔޫން ކަބީރު ވިދާޅުވީ، ހަސީނާއަކީ ފިލައިގެން އުޅޭ ޓެރަރިސްޓެއް ކަމަށާއި، ސަރުކާރުން ފްލައިޓެއް ހަމަޖައްސައެއް ނުދޭނެ ކަމަށެވެ. އޭނާ ގައުމަށް ގެނެވޭނީ ބިޑިއަޅުވައިގެން، ވަރުގަދަ ފާރަވެރިކަމެއްގެ ދަށުން ކަމަށްވެސް ކަބީރު ވިދާޅުވި އެވެ.

ބޮޑުވަޒީރު ތާރިގު ރަހްމާންގެ އިންފޮމޭޝަން އެޑްވައިޒަރު ޒާހިދު އުރު ރަހްމާން ވިދާޅުވީ، ހަސީނާ އަތުވެއްޖެނަމަ މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށެވެ. އަދި އަވާމީ ލީގުގެ އެއްވެސް ލީޑަރަކު ބޯޑަރު ހުރަސްކޮށް ގައުމަށް ނުވަދެވޭނެ ގޮތަށް ބޯޑަރު ބަލަހައްޓާ ސިފައިން ފާރަވެރިވެގެން ތިބި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އދ. ގެ ހިސާބުތަކުން ދައްކާ ގޮތުގައި ހަސީނާގެ ވެރިކަން ވެއްޓުނު ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 1،400 މީހުން މަރުވި އެވެ. އަވާމީ ލީގު މަނާކޮށްފައިވީ ނަމަވެސް، ހަސީނާ އަނބުރާ ގެނައުމަށް ގޮވާލައި އެ ޕާޓީގެ ތާއީދުކުރާ ބަޔަކު މިހާރުވެސް މަގުމައްޗަށް ނުކުމެ މުޒާހަރާކުރަމުން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.