ހަތަރު އަހަރުގައި 70 މިލިއަން ހަރަދުކުރި އޭސީސީން 206 މިލިއަން ރުފިޔާ ހޯދަން ވަނީ އަންގާފަ: ޝާމިލް

ހަތަރު އަހަރުގައި 70 މިލިއަން ހަރަދުކުރި އޭސީސީން 206 މިލިއަން ރުފިޔާ ހޯދަން ވަނީ އަންގާފަ: ޝާމިލް

Author
އަހުމަދު
16 ނޮވެމްބަރ 2026 03:23
0

 

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިންގުމަށް ދައުލަތުން ހަރަދުކުރާ ކޮންމެ ރުފިޔާއަކަށް ބަދަލުގައި 2.9 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކޮމިޝަނުގެ ތަހުގީގުތަކުން އަންގައިފައިވާ ކަމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޝާމިލް ވިދާޅުވީ، 2022 އިން 2025 އަށް މުސާރަ، އިނާޔަތްތަކާއި ދަތުރުތައް ހިމެނޭ ގޮތުން ކޮމިޝަނަށް ދައުލަތުން 70 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ. އެ މުއްދަތުގައި ކުރި ތަހުގީގުތަކުން 206 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން އަންގައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާމިލް ފާހަގަކުރެއްވި ގޮތުގައި، ފައިސާ ހޯދުމަށް ކޯޓަށް ދިއުމަކީ އޭސީސީގެ މަސްއޫލިއްޔަތެއް ނޫނެވެ. ގާނޫނުން ކޮމިޝަނަށް ލާޒިމްކޮށްފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، ދައުލަތަށް ދައްކަންޖެހޭ އަދަދު ކަނޑައަޅައި، ގުޅުންހުރި ފަރާތްތަކަށް އެންގުމެވެ. އަދި ދައުލަތަށް ގެއްލުން ލިބުމުގެ ކުރިން ބައެއް ކަންތައްތައް ތަހުގީގުތަކުގެ ސަބަބުން ހުއްޓުވައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުސާރައިގެ އޮނިގަނޑަށް ބަދަލު އައުމަށްފަހު ކޭސް އިންވެސްޓިގޭޓަރުންނަށް އެއްވެސް އިނާޔަތެއް ނުލިބޭ ކަމަށާއި، އެކަމުގެ ސަބަބުން ރަނގަޅަށް މަސައްކަތްކުރި ބައެއް މުވައްޒަފުން ވަކިވެއްޖެ ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.

އަންނަ އަހަރަށް އޭސީސީއަށް ލަފާކޮށް ހުށަހަޅައިފައިވަނީ 47.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.