ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ރޭ ކަޅު ދަބަހަކާއެކު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ތުހުމަތުކުރެއްވިއެވެ. އޭގެ ފަހުން އޭނާގެ ނަން އިއްވައި، މަޖިލިސް ތަޅުމުން ނެރެފިއެވެ.
މި ހާދިސާ ހިނގީ ސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަށް ބަހުސްކުރަމުން ދަނިކޮށެވެ. ރަސްމާލޭގައި ދުބާއީގެ އީގަލް ހިލްސްއިން ކުރިއަށްގެންދާ މަޝްރޫއު ފަދަ މަޝްރޫއުތަކުގައި ޕްރޮޕަޓީ ވިއްކާނީ 99 އަހަރަށް ކަމަށް މީކާއީލް ވިދާޅުވިއެވެ. އަދި މި ބިލުން ދިވެހީންގެ ބިމަށް ގާނޫނުއަސާސީން ދީފައިވާ ރައްކާތެރިކަން ނިމުމަކަށް ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. ހުސްނުވާ އާސަންދަ ކަނޑައިލުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށްވެސް މީކާއީލް ތުހުމަތުކުރެއްވިއެވެ.
މީކާއީލް ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކަށް އިޝާރާތްކުރެއްވިއެވެ. ބިލަށް ނުފޫޒު ފޯރުވުމަށް މުއްޠަލިބް ކަޅު ދަބަހަކާއެކު މަޖިލީހަށް ވަޑައިގަތް ކަމަށާއި، މަޖިލީހަށް "ކަޅު ފައިސާ" ވަދެފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ދެން މައްޗަންގޯޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު ނިޒާމީ ނުކުތާއެއް ނެންގެވިއެވެ. ބައެއް މެންބަރުން މަޢުލޫމާތު ސާފުކުރުމަށް އެދުމުން މުއްޠަލިބް މަޖިލީހަށް ވަޑައިގަތް ކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރުންނާ ގުޅޭ ސާބިތުނުވާ ވާހަކަ ތަޅުމުގައި ނުދެއްކުމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲވެސް މީކާއީލަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
ޕީއެންސީ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު ތަޅުން ހޫނުވިއެވެ. އެމްޑީޕީގެ ބައެއް މެންބަރުން ރިޔާސަތުގެ މޭޒު ކުރިމަތީގައި އިހުތިޖާޖުކުރެއްވިއެވެ. މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިވުމަށް ރައީސް ޢަބްދުއްރަޙީމް މީކާއީލަށް ތަކުރާރުކޮށް ދެންނެވިއެވެ. އޭގެ ފަހުން އޭނާގެ ނަން އިއްވަވައި، ތަޅުމުން ނެރުއްވިއެވެ.
ކޮމެންޓު ފޮނުވާ