ބޭރުން ރާއްޖެއަށް ލިބޭ ފަންޑުތައް ސީދާ އަމިއްލަ ކުންފުނިތަކަށް ނުދީ ބޭންކުތަކާއި މާލީ އިދާރާތައް މެދުވެރިކޮށް ދޫކުރުން މުހިންމު ކަމަށް ޔޫއެންޑީޕީން ލަފާދީފި އެވެ. އެގޮތުން އެ އިދާރާތަކުގެ ގާބިލުކަން އިތުރުކުރަން ޖެހޭ ކަމަށް ވެސް ބުނެފި އެވެ.
މި ވާހަކަ ދެއްކެވީ ޔޫއެންޑީޕީގެ އޭޝިއާ އެންޑް ދަ ޕެސިފިކް ސަރަހައްދުގެ އެސްޑީޖީ ފައިނޭންސްގެ ރީޖަނަލް ލީޑް ޗާލްސް ޔޫ އެވެ. އޭނާ މި ވާހަކަ ދެއްކެވީ ދުސިތު ޑީޑޫ ރިސޯޓުގައި ކުރިއަށްދާ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ދެއްވި ޕްރެޒެންޓޭޝަނެއްގަ އެވެ.
ޗާލްސް ވިދާޅުވީ ދުނިޔޭގެ މާލީ ނިޒާމަށް ތިން ބޮޑު ބަދަލެއް އަންނަމުންދާ ކަމަށެވެ. އެއީ އިންޓަރެސްޓް ރޭޓްތައް މަތިވުން، ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ވަކި ސަރަހައްދުތަކަކަށް ބައްޓަންވުން އަދި ހިލޭ އެހީ މަދުވެ ސްޓްރެޓެޖިކް ޕާޓްނަރޝިޕްތަކަށް މިސްރާބު ޖެހުމެވެ. މި ހާލަތުގައި ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުން އައު ވަސީލަތްތަކާއި އީޖާދީ ވިސްނުން ބޭނުންކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މާލީ ބާޒާރު ފުޅާކުރުމަށާއި އަމިއްލަ ސެކްޓަރުގެ ބައިވެރިވުން އިތުރުކުރުމަށް ޗާލްސް ތަފާތު މާލީ މޮޑެލްތަކެއް ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި "ސަސްޓެއިނަބިލިޓީ ލިންކްޑް ބޮންޑް" އާއި "ބްލެންޑެޑް ފައިނޭންސް" ހިމެނެ އެވެ.
ރާއްޖޭގައި ތަންފީޒުކުރެވިދާނެ ފުރުސަތެއްގެ ގޮތުގައި ސޯލާ ހަކަތަ ޗާލްސް ފާހަގަކުރެއްވި އެވެ. އޭގެ ދަށުން އެއް ރަށެއްގެ ގިނަ ގޭބިސީތަކަށް އެކުގައި ސޯލާ ހަކަތަ ފޯރުކޮށްދީ، ކަރަންޓު ބިލުން ލިބޭ އާމްދަނީ ރަހުނުކޮށްގެން ބޭންކުތަކުން ލޯނު ނެގޭނެ އެވެ. ތިމާވެށްޓަށް ގެއްލުން ނުދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެއް ޕޯޓްފޯލިއޯއެއްގެ ދަށަށް ގެނެސް ލޯނު ދޫކުރުން ވެސް އޭނާ ހުށަހެޅުއްވި އެވެ. އަދި ސަރަހައްދެއްގެ ރިސޯޓުތައް ގުޅިގެން ތިމާވެށި ހިމާޔަތްކުރުމުގެ ޚިދުމަތް ދިވެހި ކުންފުނިތަކުން ހޯދުމާއި، ބޭރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ރަށްރަށުގައި "އައިލެންޑް ވޯކްސްޕޭސް" ތަރައްގީކުރުމުގެ ޚިޔާލު ވެސް އޭނާ ހުށަހެޅުއްވި އެވެ.
ކޮމެންޓު ފޮނުވާ