އިހްތިރާމު ކުރުމަކީ ލޮލަށް ނުފެންނަ ގޮތަށް އިންސާނާ ކުރާ މުޑުވައްކުރުމެއް ކަމަށާއި، އެ އޮށުން ހެދޭ ގަސްތަކުގެ ހިޔާއިން މުޅި މުޖުތަމައަށް ބޮޑު ފައިދާއެއް ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، "އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހު ކުރުމަށް ރޭ މާލޭގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި ގިނަ ރައްޔިތުން ބައިވެރިވިއެވެ.
ރައީސް ވިދާޅުވީ، އިހްތިރާމުގެ މޭވާއަކީ ހިތްތަކަށް ލިބޭ ފުން ތަސައްލީއެއް ކަމަށާއި، އެއީ ރޫހަށް ލިބޭ ފޮނި ގިޒާއެއް ކަމަށެވެ. ޒަމާނީ ނަފްސާނީ ދިރާސާތަކުން ދައްކާ ގޮތުގައި، އެކަކު އަނެކަކަށް އިހްތިރާމު ކުރުމުން މީހުންގެ މެދުގައި ގާތްކަން އިތުރުވެ، މުޖުތަމައަށް ހަމަޖެހުމާއި އުފާވެރިކަމާއި ރައްކާތެރިކަން ލިބޭ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އިހްތިރާމަކީ އިންސާނާގެ މުޅި ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށެވެ. މަގުތަކާއި ރަށުތެރޭގެ މާހައުލު، ގުދުރަތީ ވެށި، ގަސްގަހާގެހި އަދި ދިރޭ ތަކެތިއަށް އިހްތިރާމު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޮފީސްތަކާއި މަދަރުސާތަކަކީ އިހްތިރާމުގެ ސަބަބުން ހިތްހަމަޖެހުން ލިބޭ ތަންތަނަށް ހަދަންޖެހޭ ކަމަށާއި، އާއިލީ ގުޅުންތަކުގައްޔާއި ގައުމުގެ ސުލްހަ މަސަލަސްކަމާއި ރީތި ނަމަށްވެސް އިހްތިރާމު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ކާބަފައިންގެ ޒަމާނުގެ ޝަރަފުވެރި، އަމާން މާޒީގެ އުފާވެރިކަން އަލުން ހޯދުމަށްޓަކައި ކޮންމެ ދިވެއްސަކުވެސް އަމިއްލަ ނަފުސަށް އިސްލާހީ ބަދަލުތައް ގެނައުމަށް ރައީސް ގޮވާލެއްވިއެވެ. އަދި އިސްލާމްދީނުގެ މަތިވެރި ހަމަތަކާ އެއްގޮތަށް، އިންސާނީ ކަރާމާތް ރައްކާކުރާ، ގައުމީ ތަރިކަ ހިމާޔަތްކުރާ، ދިވެހިވަންތަކަމަށް ފަޚުރުވެރިވާ މުޖުތަމައެއް ބިނާކުރުމަށް އަޒުމް ކުރުމަށް ރައީސް ޑރ. މުއިއްޒު ހުރިހާ ރައްޔިތުންނަށް އެދިވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ