ވ. ފޮއްތެޔޮއިން މާލެއަށް ދަތުރުކުރަމުން އައި 'ކީސާ' ދޯނި ރަސްމާލޭ ފަރަށް އަރައި، އެ ދޯނީގެ ބިދޭސީ ފަޅުވެރިއަކަށް އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ދޯނި ރަސްމާލޭގެ އިރުމަތީ ފަރަށް އެރި ކަމުގެ ރިޕޯޓު ލިބުނީ ރޭ 11:51 ގައި ކަމަށެވެ. މާލެ އޭރިއާ ކޮމާންޑް ކޯސްޓް ގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މެންދަމު 2:37 ގައި ހާދިސާ ހިނގި ސަރަހައްދަށް ގޮސް، ދޯނީގައި ތިބި ދިވެއްސަކާއި ތިން ބިދޭސީން ކޯސްޓް ގާޑުގެ ހާބަރކްރާފްޓަށް ނެގިއެވެ. ދޯނީގެ ވެރިފަރާތުން ފޮނުވި "އޯޝަން ރައިޑް" ދޯނި މެންދަމު 3:37 ގައި އައުމުން، ފަޅުވެރިން އެ ދޯންޏަށް ބަދަލުކުރިއެވެ.
ހާދިސާގައި ބިދޭސީ ފަޅުވެރިއެއްގެ ވާތު ފައިގައި އަނިޔާވެފައިވާތީ، އޭނާ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
މިދިޔަ މަހުގެ ފަހުކޮޅުވެސް އައްޑޫން މާލެއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ރަސްމާލޭ ފަރަށް އަރާފައިވެއެވެ.
ކޮމެންޓު ފޮނުވާ