ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫޢު ގާތްގަނޑަކަށް 330 މިލިއަން ޑޮލަރުން ނިންމާލެވޭނެ ކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ބާއްވާ "އަހާ" ފޯރަމްގެ 11 ވަނަ ސެޝަނުގައި ވަޒީރު ވިދާޅުވީ، މަޝްރޫޢު ފެށިއިރު 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ ޚަރަދެއް ލަފާކުރި ކަމަށެވެ. ނަމަވެސް ކުންފުނިތަކާ މަސައްކަތް ހަވާލުކުރުމުގައި ޚަރަދު ކުޑަ ގޮތްތައް ހޯދުމުން، އެ އަދަދު ވަރަށް ބޮޑަށް ދަށްކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރީގެ އަންދާޒާ ހެދީ ކުރީގެ ސަރުކާރުން ހިންގި ގުޅީފަޅާއި ގިރާވަރުފަޅު ފަދަ މަޝްރޫޢުތަކަށާއި، އޭރުގެ މާކެޓް ރޭޓުތަކަށް ބަލައިގެން ކަމަށެވެ. އޭގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ހިމެނުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ރަސްމާލޭގެ 1109 ހެކްޓަރު ހިއްކުމަށް ދައުލަތުން 330 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 500 ހެކްޓަރަކަށް ގާތްގަނޑަކަށް 160 މިލިއަން ޑޮލަރެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މުޅި މަސައްކަތް ނިންމާލުމެވެ.
ރަސްމާލެ ހިއްކުމަށް މިހާތަނަށް 700 މިލިއަނާއި އެއް ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުކޮށްފި ކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ޚަބަރު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ