ފަތުރުވެރިން އެންމެ ގިނައިން ރާއްޖެ އަންނަ ވިންޓަރ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، 10 ބައިނަލްއަޤްވާމީ އެއާލައިނެއްގެ ޗެކްއިން ޚިދުމަތް، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 އަށް ބަދަލުކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.
ޓާމިނަލް 2 އަށް ބަދަލުކުރާ އެއާލައިންތަކަކީ ނިއޯސް، އޭރޯފްލޮޓް، ޔޫއެސް-ބަންގްލާ އެއާލައިންސް، ސެންޓްރަމް އެއާ، އަޒުރް އެއާ، އެސް7 އެއާލައިންސް، ޝިރަކް އަވިއާ، ކުވައިތު އެއާވޭސް، ގުލިވް އެއާ އަދި ފްރެންޗް ބީ އެވެ. މި ބަދަލާއެކު ބުރަ ދުވަސްވަރު އެއާޕޯޓުގެ ދެ ޓާމިނަލުން ވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ޚިދުމަތް ދެވި، ޖާގަ ތަނަވަސްވެ، އިތުރު ކައުންޓަރުތަކުން ދަތުރުވެރިންނަށް ފަސޭހައިން ޚިދުމަތް ލިބިގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
ފެންވަރު މަތިކޮށް، 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހު އަލުން ހުޅުވި ޓާމިނަލް 2 އިން މިހާރު ޚިދުމަތް ދެމުން އަންނަނީ އެތެރޭގެ ދަތުރުތަކަށެވެ. 27 ޗެކްއިން ކައުންޓަރާއި އައު ލަގެޖް ބެލްޓްތައް، ކެއިންބުއިމުގެ ތަންތަނާއި ނަމާދު ކޮޓަރިތަކާއި ކުޑަކުދިން ކުޅޭނެ ސަރަޙައްދެއް މި ޓާމިނަލުގައި ހިމެނެއެވެ.
މި އެއާލައިންތަކުން ފުރާ ދަތުރުވެރިން ސީދާ ޓާމިނަލް 2 އަށް ގޮސް، ފުރުމުގެ ކަންކަން ނިންމުމަށް ފުދޭވަރުގެ ވަގުތު އޮއްވައި އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލްއިން އެދިފައިވެއެވެ.
ކޮމެންޓު ފޮނުވާ