އައްޑޫ ސިޓީ، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކުންފުނި (އެމް.ޑަބްލިޔު.އެސް.ސީ) ރަސްމީކޮށް ހަވާލުވެއްޖެއެވެ. މި ސަރަހައްދުތަކުގައި ކުންފުނީގެ ފުރަތަމަ ބިލިންގ ސައިކަލް ފަށާނީ 22 އޮކްޓޫބަރު 2026 ގައެވެ.
އެމް.ޑަބްލިޔު.އެސް.ސީން ބުނީ، މީޓަރު ރީޑިންގ ނެގުމަށް ކުންފުނީގެ ރަސްމީ ޔުނިފޯމް ލައިގެން މުވައްޒަފުން ގޭގެއާއި ޚިދުމަތް ދެމުންދާ ޢިމާރާތްތަކަށް ޒިޔާރަތްކުރާނެ ކަމަށެވެ. މީޓަރު ހަރުކޮށްފައިވާ ތަންތަނަށް ފަސޭހައިން ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކުންފުނިން ރައްޔިތުންގެ އެއްބާރުލުން އެދިފައިވެއެވެ.
ޚިދުމަތް ބަދަލުވާ މި މަރުޙަލާގައި އެއްވެސް ކަސްޓަމަރަކަށް ދޭ ޚިދުމަތަށް އަސަރުކޮށް މެދުކެނޑުމެއް ނާދޭނެކަމުގެ ޔަޤީންކަން ކުންފުނިން ދީފައިވެއެވެ. އަދި ބިލުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށް ހުރިހާ ކަސްޓަމަރުންނަށް ގޮވާލާފައިވެއެވެ.
ޚިދުމަތްތައް ލުއިފަސޭހައިން ހޯދުމަށްޓަކައި، އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕް ޑައުންލޯޑްކޮށް އެކައުންޓެއް ރަޖިސްޓްރީ ކުރުމަށް ވެސް ކުންފުނިން އެދިފައިވެއެވެ.
ކޮމެންޓު ފޮނުވާ