ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވަޒީރުން އަދި ރަށު ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ކޮމިޓީގެ ބައްދަލުވުމުގެ އިތުރު ކަންކަމުގެ ބައިގައި މި ހުށަހެޅުން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް އެވެ. އެއަށް ތާއީދުކުރެއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް އެވެ.
މިހާރު މަޖިލީހުގެ ރައީސަށް ލިބެނީ 73,125 ރުފިޔާ ކަމަށާއި، އެއީ ނައިބު ރައީސަށް ލިބޭ 91,000 ރުފިޔާއާއި އާންމު މެންބަރުންނަށް ލިބޭ 82,500 ރުފިޔާއަށްވުރެ ކުޑަ އަދަދެކެވެ. މި ފަރަގު ނައްތާލުމަށް ރައީސްގެ އެލަވަންސަށް 22,000 ރުފިޔާ އިތުރުކުރުމުން، އެމަނިކުފާނުގެ ޖުމްލަ މުސާރަ 95,125 ރުފިޔާއަށް އަރާނެއެވެ.
ރަށު ކައުންސިލްތަކުގެ ރައީސުން، ނައިބު ރައީސުން އަދި ކައުންސިލަރުންގެ އެލަވަންސް 5,000 ރުފިޔާ ބޮޑުކުރަން ވެސް ކޮމިޓީން ނިންމިއެވެ. މިހާރު ކައުންސިލް ރައީސަކަށް 25,000 ރުފިޔާ، ނައިބު ރައީސަކަށް 20,000 ރުފިޔާ އަދި ކައުންސިލަރަކަށް 18,000 ރުފިޔާ ލިބެއެވެ.
ވަޒީރުންގެ މުސާރައަށްވުރެ މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުންގެ މުސާރަ ބޮޑުވާތީ، ވަޒީރުންގެ އަސާސީ މުސާރަ ބަދަލުނުކޮށް ކާރު އެލަވަންސް މުރާޖަޢާކުރުމަށް ވެސް ހުށަހަޅައިފައިވެއެވެ. އެގޮތުން ޕެޓްރޯލް އެލަވަންސަށް 2,000 ރުފިޔާ، ޑްރައިވަރުގެ މުސާރައަށް 12,000 ރުފިޔާ އަދި ޑްރައިވަރުގެ ލިވިންގ އެލަވަންސަށް 3,000 ރުފިޔާ ކަނޑައަޅާނެއެވެ.
ކޮމިޓީން ފާސްކުރި މި ބަދަލުތައް ހިނގާނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.
ކޮމެންޓު ފޮނުވާ