99 އަހަރު ހަމަވުމުން އީގަލް ހިލްސް އެއްބަސްވުން އަމިއްލައަށް އާ ނުވާނެ: ރައީސް

99 އަހަރު ހަމަވުމުން އީގަލް ހިލްސް އެއްބަސްވުން އަމިއްލައަށް އާ ނުވާނެ: ރައީސް

Author
އަހުމަދު
20 އޮކްޓޯބަރ 2026 03:22
0

 

އީގަލް ހިލްސްއިން ރަސްމާލޭގައި ތަރައްގީކުރާ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރުގެ އަތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ބެހޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އެތަންތަން ލިބޭނީ 99 އަހަރުގެ މުއްދަތަކަށް ކަމަށާއި، އެ ފަރާތްތަކަށް އެތަންތަން އެހެން ފަރާތަކަށް ވިއްކުމުގެ ހުއްދަ ނުލިބޭނެ ކަމަށެވެ. ވިއްކަން ބޭނުންވެއްޖެނަމަ ވިއްކަން ޖެހޭނީ ސަރުކާރަށް ކަމަށާއި، މުއްދަތު ހަމަވުމުން އެއްބަސްވުން އަމިއްލައަށް އާވެގެން އިތުރު 99 އަހަރު ލިބޭ ގޮތެއް ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ޕްރޮޕަޓީތަކާ ގުޅޭ ކޮންމެ މުޢާމަލާތަކުންވެސް ފައިދާ ލިބޭނީ ސަރުކާރަށް ކަމަށާއި، އެއިން ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލެ ހިއްކިއިރު ރޭވުމެއް ނެތުމުން، އެ ރަށަށް އިންވެސްޓްމަންޓުތައް އައީ މީހުން ދިރިއުޅެން ފަށައި ބްރިޖު މަޝްރޫޢު ނިމުމަށްފަހު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ރަސްމާލޭގައި ރައްޔިތުންނަށް ގޯތިތަކާއި ފްލެޓުތައް ދޫކުރާނީ، އެތަނުގައި ދިރިއުޅެވޭނެ ތަރައްގީއާއި އިންވެސްޓްމަންޓުތައް ގެނައުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އީގަލް ހިލްސްގެ މަޝްރޫޢަކީ ކުރު މުއްދަތެއްގެ ތެރޭގައި ރަސްމާލޭގެ ތަރައްގީ ހަޤީޤަތަކަށް ހަދައިދޭނެ މުހިންމު މަޝްރޫޢެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢާ ގުޅޭ ގޮތުން ރައްޔިތުންގެ ހަޤީޤީ ކަންބޮޑުވުންތައް ހުރި ނަމަވެސް، ސިޔާސީ ބޭނުމުގައި ބައެއް ފަރާތްތަކުން ކަންކަން އޮޅުވާލަމުން އަންނަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށާއި، މި މަޝްރޫޢުގެ އެއްވެސް އެއްބަސްވުމެއް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ނުހަދާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.