ސީއެންއެންގެ ޗީފް އިންޓަނޭޝަނަލް އެންކަރު ކްރިސްޓިއާން އަމަންޕޫރު، އެ ނެޓްވޯކުގައި 43 އަހަރު ޚިދުމަތް ކުރުމަށްފަހު އަންނަ އަހަރު ވަކިވާން ނިންމައިފި އެވެ.
68 އަހަރުގެ އަމަންޕޫރު ބުނީ، މަސްތަކެއް ވަންދެން ވިސްނުމަށްފަހު ނިންމި މި ނިންމުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި އާ މަޝްރޫއުތަކެއް ފަށަން ބޭނުންވާ ކަމަށެވެ. ސީއެންއެންގެ މިނިވަން ނޫސްވެރިކަން ދެމެހެއްޓުމަށް ގޮވާލި އޭނާ، ވަކި ފަރާތަކަށް ނުޖެހި ތެދު ބަހުން ވާހަކަ ދެއްކުމަށް ނަސޭހަތްތެރިވި އެވެ.
1983 ވަނަ އަހަރު އިންޓަނޭޝަނަލް ނިއުސް ޑެސްކުގެ އެސިސްޓެންޓެއްގެ ގޮތުގައި ސީއެންއެންއާ ގުޅުނު އަމަންޕޫރު، ފަހުން ގަލްފް ހަނގުރާމައިން ފެށިގެން ބޮސްނިއާ، ރުވާންޑާ، އަފްޣާނިސްތާން، ޔޫކްރެއިން އަދި އީރާނުގެ ހާދިސާތައް ކަވަރުކޮށް، ނެޓްވޯކުގެ އެންމެ މަޝްހޫރު ކޮރެސްޕޮންޑެންޓުންގެ ތެރެއަށް ވަނެވެ. 2009 ވަނަ އަހަރުން ފެށިގެން ސީއެންއެން އިންޓަނޭޝަނަލްގައި އަމިއްލަ އިންޓަވިއު ޕްރޮގްރާމެއް ވެސް އޭނާ ހުށަހަޅަމުން ގެންދެ އެވެ.
ސީއެންއެންގެ ޗެއާމަން މާކް ތޮމްޕްސަން، އަމަންޕޫރަކީ ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ނޫސްވެރިއެއް ކަމަށް ސިފަކުރެއްވި އެވެ. އަދި އޭނާ ވަކިވުމުގެ ކުރިން، އޭނާގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށް ނެޓްވޯކުން ވަގުތު ހޭދަކުރާނެ ކަމަށް ވެސް ތޮމްޕްސަން ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ