ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވަލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ރާއްޖޭގައި ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓީ ނެގުން ގާނޫނުން އުވާލުމަށް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނެވޭ މި އިސްލާހު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އެވެ. ބިލުގެ މަގްސަދަކީ ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނެސްފައިވާ ހުރިހާ މާއްދާއެއް އުނިކުރުމެވެ.
"ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކުރުމަށް ޖީއެސްޓީ ގާނޫނަށް ގެނައި އަށްވަނަ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ އޮގަސްޓު 31 ގައެވެ. މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓެކްސް ނަގަން ފެށީ ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ފޮނުވާ ރަޝިޔާއާއި އިންޑިއާގެ ބޮޑެތި ޓުއާ އޮޕަރޭޓަރުން ވަނީ މި ނިންމުމާމެދު ނުރުހުން ފާޅުކޮށްފަ އެވެ. އަދި ފްރާންސްގެ އީޑީވީ އާއި ސެޓޯ، އަދި އިޓަލީގެ އެސްޓޯއީ ކޮންފިންޑަސްޓްރިއާ ވިއާޖީ ހިމެނޭ ޔޫރަޕްގެ ޓޫރިޒަމް ޖަމިއްޔާތަކުން ވަނީ، މި ޓެކްސްގެ ސަބަބުން ކުރިމަތިވާނެ މާލީ އަދި އިދާރީ ގޮންޖެހުންތައް ބަޔާންކޮށް މީރާއަށް ސިޓީއެއް ފޮނުވާފަ އެވެ.
ކޮމެންޓު ފޮނުވާ