އޮޑިޓާ ޖެނެރަލްގެ އޮފީހަށް 2027 ވަނަ އަހަރަށް 133.6 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އޮފީހުން ހުށަހެޅި ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރީ، ވޯޓަށް އެހުނު ހިސާބުގައި ތިއްބެވި 46 މެންބަރުން ވެސް ތާއީދުކުރައްވައިގެންނެވެ.
ބަޖެޓުގެ 90 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުތަކަށެވެ. ބާކީ 43.5 މިލިއަން ރުފިޔާ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި އޮފީހަށް ބިނާކުރާ އައު އިމާރާތަށް ޚަރަދުކުރާނެއެވެ. އެހެން މައިގަނޑު ޚަރަދުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 55.8 މިލިއަން ރުފިޔާ، އިދާރީ ޚަރަދަށް 19.8 މިލިއަން ރުފިޔާ އަދި ތަމްރީނާއި ދަތުރުފަތުރަށް 10.6 މިލިއަން ރުފިޔާ ހިމެނެއެވެ.
އަންނަ އަހަރު ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކުގެ ޖުމްލަ 394 އޮޑިޓު ހިންގުމަށް އޮފީހުން ރާވާފައިވެއެވެ. މި އަހަރު ނުނިމި ހުރި އޮޑިޓުތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި އަހަރަށް އޮފީހަށް ދީފައިވާ 134.2 މިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ޚަރަދުކޮށްފައިވަނީ 56.9 މިލިއަން ރުފިޔާއެވެ. އަހަރު ނިމޭއިރު 31 މިލިއަން ރުފިޔާ ބާކީ ހުންނާނެ ކަމަށް ލަފާކުރެއެވެ.
އަންނަ އަހަރުގެ ބަޖެޓު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މި މަހުގެ 13 ގައެވެ.
ކޮމެންޓު ފޮނުވާ