ސަރަހައްދީ ސަލާމަތާ ބެހޭ މަޝްވަރާތަކުގައި ހައިކޮމިޝަނަރު ބާލަސުބްރަމާނިއަން ބައިވެރިވަޑައިގެންފި

ސަރަހައްދީ ސަލާމަތާ ބެހޭ މަޝްވަރާތަކުގައި ހައިކޮމިޝަނަރު ބާލަސުބްރަމާނިއަން ބައިވެރިވަޑައިގެންފި

Author
އަހުމަދު
16 އޮކްޓޯބަރ 2026 10:20
0

ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަން، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ބޭއްވި "ބިލްޑިންގ އަ ޕީސްފުލް، ސްޓޭބަލް އެންޑް ޕްރޮސްޕަރަސް އިންޑޯ-ޕެސިފިކް" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

އެމްއެންޔޫގެ ސްކޫލް އޮފް ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީޒުން ބޭއްވި މި ޕެނަލް ޑިސްކަޝަނުގައި، ދިވެހި ސަރުކާރުގެ އިސް މަސްއޫލުވެރިންނާއި، ރާއްޖޭގައި ހުންނަވާ ހައިކޮމިޝަނަރުންނާއި ޑިޕްލޮމެޓުން، ބައިނަލްއަޤްވާމީ ވަކީލުން، އަދި ޢިލްމީ ދާއިރާގެ ބޭފުޅުންނާއި ރިސާޗް ދަރިވަރުން ބައިވެރިވިއެވެ. މި ޑިސްކަޝަން ބޭއްވުނީ ސަރަހައްދުގެ ސަލާމަތާއި ސްޓްރެޓެޖިކް ގުޅުންތަކާ ބެހޭގޮތުން ތަފާތު ފަރާތްތަކުގެ ވިސްނުންތައް ހިއްސާކުރުމުގެ ފުރުޞަތެއް ފަހިކޮށްދިނުމުގެ ގޮތުންނެވެ.

ޑިސްކަޝަނުގައި ސަރަހައްދީ ސަލާމަތާއި، ޤާނޫނީ އުސޫލުތަކަށް ބިނާކުރެވިފައިވާ، މިނިވަން، ހުޅުވިފައިވާ އަދި އެންމެން ހިމެނޭ އިންޑޯ-ޕެސިފިކެއް ޤާއިމުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ތަފްޞީލީ މަޝްވަރާތައް ކުރެވުނެވެ. އަދި މި އަމާޒު ޙާޞިލުކުރުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައާއި ގިނަ ޤައުމުތަކެއް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި، ޤައުމުތަކުގެ ދެމެދުގައި ސްޓްރެޓެޖިކް ގުޅުންތައް ވަރުގަދަކުރުމުގެ ގޮތްތަކާ ބެހޭގޮތުން ވެސް ބައިވެރިން ވިސްނުންތައް ހިއްސާކުރެއްވިއެވެ.

އިންޑޯ-ޕެސިފިކް ސަރަހައްދަކީ ދުނިޔޭގެ ވިޔަފާރީގެ ބޮޑު ބައެއް ދަތުރުކުރާ، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން މުހިންމު ސަރަހައްދެކެވެ. ހިންދު ކަނޑުގެ މެދުގައި އޮތް ރާއްޖެއަކީ ވެސް މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެކެވެ. އެހެންކަމުން، ސަރަހައްދުގެ ސުލްހައާއި ސަލާމަތާއި ތަރައްޤީއަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ޑިސްކަޝަނުގައި ފާހަގަކުރެވުނެވެ.

އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދުގައި ވަނީ ޒަމާންވީ، ގާތް ގުޅުމެކެވެ. ސަރަހައްދީ ސަލާމަތާއި، ކަނޑުގެ ރައްކާތެރިކަމާއި، ތަރައްޤީގެ ދާއިރާތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރަމުން އަންނަތާ އެތައް އަހަރެއް ވަނީ ވެފައެވެ. އަދި ޢިލްމީ މުއައްސަސާތަކާއެކު ގުޅިގެން މިފަދަ މަޝްވަރާތަކުގައި ބައިވެރިވުމުގެ ތެރެއިން ސަރަހައްދީ ކަންކަމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އިންޑިއަން ހައިކޮމިޝަނުން ވެސް ބައިވެރިވަމުން އަންނަކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.