ޓީ-ބިލު ދެއްކުމާއި ޑޮލަރު ވިއްކުމުން ރިޒާވަށް ބާރު ބޮޑުވެއްޖެ

ޓީ-ބިލު ދެއްކުމާއި ޑޮލަރު ވިއްކުމުން ރިޒާވަށް ބާރު ބޮޑުވެއްޖެ

Author
އަހުމަދު
16 އޮކްޓޯބަރ 2026 09:59
0

 

ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް، ސެޕްޓެމްބަރު މަސް ނިމުނުއިރު 169.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ ކަމަށް ދިވެހިރާއްޖޭގެ މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އޮގަސްޓު މަސް ނިމުނުއިރު 200.6 މިލިއަން ޑޮލަރު ހުރި ޔޫޒަބަލް ރިޒާވް، އެއް މަހުގެ ތެރޭގައި 15.4 ޕަސެންޓް ކުޑަވެފައިވާއިރު، ރަސްމީ ރިޒާވް ވެސް 643.9 މިލިއަން ޑޮލަރުން 547 މިލިއަން ޑޮލަރަށް، ނުވަތަ 14.9 ޕަސެންޓް ދަށްވެފައިވެ އެވެ.

ރިޒާވް ދަށްވީ ސެޕްޓެމްބަރު މަހު އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާއަށް ވުރެ، އެމްއެމްއޭއިން ވިއްކި ބޭރު ފައިސާގެ އަދަދު ގިނަވުމުން ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އޮގަސްޓާ އަޅާބަލާއިރު، ސެޕްޓެމްބަރު މަހު އެމްއެމްއޭއިން ބޭރު ފައިސާ ވިއްކި މިންވަރު 46.9 ޕަސެންޓް އިތުރުވެފައިވެ އެވެ.

މީގެ ތެރޭގައި، 2019 ވަނަ އަހަރު ބަޖެޓަށް އެހީތެރިވުމަށް ސަރުކާރުން އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލުން ދައްކަން ބާކީ ހުރި 50 މިލިއަން ޑޮލަރު ހަލާސްކުރުމަށް، ސަރުކާރަށް ޑޮލަރު ވިއްކުން ހިމެނެ އެވެ.

މީގެ އިތުރުން، ބޭރު ފައިސާގެ ބާޒާރަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ކުރީގެ މަސްތަކެއް ފަދައިން ސެޕްޓެމްބަރު މަހު ވެސް ބޭންކުތަކަށް އެމްއެމްއޭއިން ޑޮލަރު ވިއްކާފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.