ދިވެހިން މަރާ ހުސްކޮށްފަ ރާއްޖެ ހިފޭނެމަ މާޒީގައި އެކަން ކުރެވުނީސް: ޝަހީމް

ދިވެހިން މަރާ ހުސްކޮށްފަ ރާއްޖެ ހިފޭނެމަ މާޒީގައި އެކަން ކުރެވުނީސް: ޝަހީމް

Author
މުޙައްމަދު ޝަޒައިމް
12 އޮކްޓޯބަރ 2020 08:58
0

އިންޑިއާއިން ބޭނުންވެއްޖެނަމަ ދިވެހިން މަރާފައިވިޔަސް އެޤައުމުގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންދާނެކަމަށް ދެކުމަކީ ކުށްހީއެއްކަމަށާއި، އެހެން ނޫންނަމަ މާޒީގައި އެކަން ކުރެވުނީސް ވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ.ޝަހީމް ވިދާޅުވީ މިޒަމާނުގައި ޤައުމުތައް އަޅުވެރިކުރަމުންދަނީ ކަނޑިޔާއި ބަޑި ހިފައިގެން ޤައުމުތަކަށް އަރައިގެން ނޫންކަމަށެވެ. މިއަދު އަޅުވެތި ކުރަމުންދަނީ ތަހުޒީބުގޮތުގައި ފައިސާގެ ދަލުގައި ޖައްސައިގެންކަމަށެވެ. ރާއްޖޭގައިވެސް މިއަދު އެދަހިވަތިކަމުގައި ތިބި ބަޔަކު އުޅޭއިރު، މާދިއްޔަތަށްޓަކައި މިފަސްގަނޑު ތަބަކަކަށް ލާފައި ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ޝަހީމް ވިދާޅުވި އެވެ.

މިޒަމާނުގައި ޤައުމުތައް އަޅުވެތިކުރަނީ މީހުން މަރައި ހުސްކޮށްގެންނޫން. މިޒަމާނުގައި އަޅުވެތިކުރަނީ އެކި ނަންނަމުގައި ފަައިސާދީ މާއްދިއްޔަތުގެ ދަލުގައި ޖައްސައިގެން. އެކަމުގެ ދަހިވެތިކަމުގައި ޖެހިފައިވާ ބަޔަކު، އަމިއްލަ ޤައުމު ތަބަކަކަށް ލާފަ އެހެން ބަޔަކާ ޙަވާލުކުރަން ފަސް ނުޖެހޭނެ. ޑރ.ޝަހީމް ވިދާޅުވި އެވެ.

އިންޑިއާއިން ބޭނުންވެއްޖެނަމަ ދިވެހިން މަރާފައިވިޔަސް އެޤައުމުގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންދާނެކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން ޕީޕީއެމް ޕީއެންސީގެ އެޑްވައިޒާ ޑރ.ޝަހީމް ވިދާޅުވީ ދިވެހިންގެ ދީނާއި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ދިވެހިންގެ އެންމެ މުޤައްދަސް ޝަރަފް ކަމަށެވެ.

ތިޔަހެން ހީ ނުކުރައްވާށެވެ! ދިވެހި ޤައުމުގެ ދީނާއި އަމްނާއި އައުދާނަކަމާއި މަތިވެރިކަމާއި މިނިވަންކަމާއި ސިޔާދަތަކީ ދިވެހި ޤައުމުގެ އެންމެ މަތިވެތި މުޤައްދަސް ޝަރަފެވެ. އެކަންކަން ނަގާލަން ދިވެހިން ފުރުޞަތު ނުދޭނެ" ޑރ.ޝަހީމް ވިދާޅުވި އެވެ.

ދިވެހިން މަރާ ހުސްކޮށްފައިވެސް އިންޑިޔާއިން ބޭނުންނަމަ ރާއްޖެ ހިފިދާނެކަމަށްބުނެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަނީ ކޮން ނިޔަތެއް އޮވެގެންތޯ ޝަހީމް ސުވާލު އުފައްދާފަ އެވެ. ފާއިތުވެދިޔަ މާޒީގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާތާއި، ރާއްޖެ ހިފުމަށް އެކިއެކި ފަރާތްތަކުން ކުރި މަސައްކަތް ކާމިޔާބް ވެފައި ނުވަނީ ދިވެހިންގެ ހިތުގައި ޤައުމަށް އޮންނަ ލޯތްބާއި ކުލުނުގެ ސަބަބުންކަމަށް ޝަހީމް ވިދާޅުވި އެވެ.

ދިވެހިން މަރައި ހުސްކޮށްލާފަ ރާއްޖެ އަޅުވެތިކުރެވޭނެ ނަމަ ޕޯޗްގީޒުންނާއި ހޮޅިންނާއި މަލާބާރުންނާއި އަނދިރިއަދިރިންނާއި ތަމަޅަ ޓައިގަރުންނާ ގުޅިގެން ޤައުމަށް ޣައްދާރުވެ ރާއްޖޭގެ އަސްކަރިއްޔާ ފޫ އަޅުވާލައި ރައްޔިތުން ޝަހީދުކުރި މުޖުރިމުންނަށް ރާއްޖޭގެ މައްޗަށް ގަދަވެވުނީހެވެ. ޑރ.ޝަހީމް ވިދާޅުވި އެވެ.

އިންޑިއާއަށް ރާއްޖެ ހިފިދާނެކަމަށް މިނިސްޓަރ ފައްޔާޟާއި މާރިޔާ ވިދާޅުވެފައިވާއިރު މިހާރުގެ ސަރުކާރުން ކުރަމުންދާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަމުންދާ ކަމަކީވެސް އިންޑިޔާއާއި ރާއްޖެއާ ދެމެދު ބާއްވަމުންދާ ގާތް ގުޅުމެވެ. މިކަމުގައި އަޑިނޭނގޭ ކަންތައްތަކެއް އޮތްކަމަށް ގިނަބަޔަކު ތުހުމަތުކުރަމުން ގެންދެއެވެ. އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބިކަމަށް ތުހުމަތުކުރަމުންދާއިރު، ޑިފެންސް މިނިސްޓްރީއިންވެސް މިހާތަނަށް އެވާހަކަ ދޮގުކޮށްފައެއްނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.