މަސްތުވާތަކެތި ގަތުމަށް ފައިސާ ނުލިބުމުން ރުޅިއައިސް، މަންމަ ދިރިއުޅޭ ގެއަށް ގެއްލުންދިން ށ. މާއުނގޫދޫ، އަސަރު، އާދަމް ހަންނާދަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވައިފިއެވެ.
ކޯޓަށް ހުށަހެޅުނު ލިޔެކިޔުންތަކުގައިވާ ގޮތުން، އޮގަސްޓް 16 ވަނަ ދުވަހުގެ ރޭގަނޑު މ. މާކަރަ ގޭގައި ހަންނާދު ވަނީ ބަދިގޭގައި ހުރި ބާލިދީއެއްގެ މަތިގަނޑާއި ތަށިތައް ތަޅާލައި، މަންމަގެ ކޮޓަރީގެ ދޮރަށް ކަތުރަކުން ޖަހާފައެވެ. ބަލިވެ، މަސްތުވާތަކެތި ނުލިބިގެން އައި ރުޅީގައި އެކަން ކުރެވުނީ ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ. އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވުމުން، މައްސަލަ ނިންމާލީ އަވަސްނިޔާގެ ދަށުންނެވެ.
ޤާޟީ ޢަލީ ނަދީމް މި މައްސަލައިގައި ހަންނާދަށް ކަނޑައެޅީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ބާކީ އޮތީ 23 ދުވަހެވެ. ގެއްލުމުގެ ބަދަލުގައި 2,238.39 ރުފިޔާ ދެއްކުމަށްވެސް އަމުރުކުރެވިއެވެ.
މީގެ އިތުރުން، ޖުލައި 5 ވަނަ ދުވަހު ހަވީރީ ހިނގުމުގައިވާ ކުރީގެ ކްރިމިނަލް ކޯޓު އިމާރާތުން ދެ ޑެސްކްޓޮޕް ކޮމްޕިއުޓަރާއި ދެ ވޮއިސް ރިކޯޑަރު ނަގައިގެން ދަނިކޮށް ފުލުހުން ހުއްޓުވި މައްސަލައިގައިވެސް ހަންނާދު ކުށްވެރިވިއެވެ. ކޮމްޕިއުޓަރެއް ހޯދައިދީފިނަމަ ކޮއްކޮ ފައިސާ ދޭނެކަމަށް ބުނުމުން، މަސްތުވާން ފައިސާ ހޯދުމަށް ރަޙުމަތްތެރިއަކާއެކު އެ ތަނަށް ވަދެގެން ތަކެތި ނެގީ ކަމަށް އޭނާ ބުނެފައިވެއެވެ. މި މައްސަލައިގައި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، ބަންދުގައި ހޭދަކުރި 16 ދުވަސް އުނިކުރުމުން ތަންފީޒުކުރަންޖެހެނީ ނުވަ މަހާއި ދެ ދުވަހެވެ.
އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް ހަންނާދު އެދުނު ނަމަވެސް، ޖޫރިމަނާ ދެއްކުމުގެ މާލީ ޤާބިލުކަން ނެތުމާއި ވައްކަމުގެ ގިނަ ރެކޯޑުތަކެއް އޮތުމުން ކޯޓުން އެ އެދުން ރައްދުކޮށްފިއެވެ.
ކޮމެންޓު ފޮނުވާ