ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކުގެ އެހީގައި ޔަމަނުގެ ސަރުކާރު ސިފައިން، ބާބުލް މަންދަބު ކަނޑުއޮޅި ހިމެނޭ އައްސޭރިފަށުގެ ސަރަހައްދުތަކާއި މޯކާ ސިޓީ ހޫތީންގެ އަތުން ހޯދާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ޔަމަނުގެ ޑިފެންސް މިނިސްޓްރީން ބުނީ ހޯމަ ރޭ މޯކާ ސިޓީ ސަރުކާރުގެ ބާރުގެ ދަށަށް އައި ކަމަށާއި ހޫތީން ފަރުބަދަ ސަރަހައްދުތަކަށް ފަހަތަށް ޖެހެމުން ދާ ކަމަށެވެ. ޛުބާބްގެ އެއާސްޓްރިޕްވެސް ސަރުކާރު ސިފައިން ވަނީ ހިފާފަ އެވެ. ނަމަވެސް ހޫތީން ބުނަނީ މި ދަޢުވާތަކަކީ އަސާސެއް ނެތް ވާހަކަ ކަމަށެވެ.
މީގެ ރައްދުގައި، ރިޔާދުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓް، ރާބިޣްގެ އަރަމްކޯ ތެޔޮ ސާފުކުރާ ކާރުހާނާ، އަބްހާ އެއާޕޯޓާއި ޚަމީސް މުޝައިތު މިލިޓަރީ ބޭސް ހިމެނޭހެން ސައުދީގެ މުހިންމު ތަންތަނަށް ހަމަލާދީފައިވާ ކަމަށް ހޫތީން ބުނެފި އެވެ. އަދި ތާއިޒް ކައިރިން ހޫތީންނަށް ބައެއް ކުރިއެރުން ލިބިފައިވާ ކަމަށް އަސްކަރީ މަސްދަރުތަކުން ބުނެ އެވެ.
ހޫތީންގެ ނުފޫޒާއި އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރު ވަނީ ވަރަށް ބޮޑަށް ލޮޅިފަ އެވެ.
ހާލަތު ގޯސްވަމުން ދާތީ ސައުދީ، ތުރުކީ އަދި ޕާކިސްތާނުން ރިޔާދުގައި ކުއްލި ބައްދަލުވުމެއް ބާއްވައި، "މައްކާ ޑިފެންސް ޕެކްޓް"ގެ ދަށުން ސައުދީގައި ސިފައިން ރޭވުމަށް އެއްބަސްވެފައިވެ އެވެ. މި ތިން ގައުމުން ކުރެ އެއް ގައުމަކަށް ދެވޭ ހަމަލާއަކީ ތިން ގައުމަށްމެ ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލުމަށް ވެސް އެ ގައުމުތައް އިގުރާރުވެފައިވެ އެވެ.
އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ބުނީ ހަނގުރާމަ އަލުން ފެށުނު ފަހުން 184,000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ބަދަލުވެފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ