ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެނެސް ޓްރެފިކްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ރައްޔިތަކު، މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ތުހުމަތުކުރެވެނީ 29 އަހަރުގެ މޮހައްމަދު ޓަފެޖުލް ޙާއިދަރަށެވެ. 5 އޮކްޓޫބަރުގައި ނެރުނު އަމުރުގައި ޤާޟީ މުޙައްމަދު މިޞްބާޙް ވަނީ، ތަޙްޤީޤީ ބަޔާނާއި މަސްތުވާތަކެތީގެ ތަޙުލީލީ ރިޕޯޓާއި ކިތާބީ ހެކި ހުށަހަޅާފައިވާތީ، އަދި ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، އޭނާ ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ނިންމަވާފައެވެ.
ދައުލަތުން ކޯޓަށް ބުނީ، ތަކެތި ގެނައީ އަމިއްލަ ބޭނުމަށް ކަމަށް ޓަފެޖުލް ބުނެފައިވާ ކަމަށެވެ. އޭނާގެ ވަކީލު ބުނީ، އެއީ އިންޑިއާގައި އާންމުކޮށް ވިއްކާ، ބޭނުންކުރާ އެއްޗެއް ކަމަށާއި، އެއީ ރާއްޖޭގެ ޤާނޫނުން މަނާކުރާ އެއްޗެއްކަން އޭނާއަށް ނޭނގޭ ކަމަށެވެ. އެހެންކަމުން، އޭނާ ދޫކޮށްލުމަށް ވަކީލު އެދުނު ނަމަވެސް، ކޯޓުން ނިންމީ ބަންދުގައި ބެހެއްޓުމަށެވެ.
ގެނައި މަސްތުވާތަކެތީގެ ބާވަތާއި ބަރުދަން ކޯޓު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ