ރަސްމާލެ މަޝްރޫޢުގައި ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރާނީ ހަމައެކަނި ކުއްޔަށް ކަމަށާއި، އެއްވެސް ބޭރުގެ ފަރާތަކަށް އެ ބިމުގެ މިލްކުވެރިކަން ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތުގެ 60 އިން 70 އިންސައްތައާ ހަމައަށް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢަށް ސަރުކާރުން ސޮވަރިން ގެރެންޓީއެއް، ޓެކްސް ކޮންސެޝަނެއް ނުވަތަ އިމްޕޯޓް ޑިއުޓީގެ ލުއިއެއް ނުދޭނެ ކަމަށާއި، ރައްޔިތުންނަށް ދީފައިވާ ގޯތިތަކަށް މިކަމުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބޭރު ފައިސާގެ ދަތިކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމަންޓެއްގައި ސޮއިކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ރިޒާވް 1.2 ބިލިއަން ޑޮލަރަށް އެރި ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާއި ތެލުގެ އަގުގައި އައި ބަދަލުތަކާއި ސުކޫކް ދެއްކުމުގެ ސަބަބުން ރިޒާވަށް އަސަރުކުރި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އިޤްތިޞާދީ ހާލަތު ފާހަގަކުރެވޭ މިންވަރަކަށް ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ކޮމެންޓު ފޮނުވާ