އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، މާދަމާ ސެޕްޓެމްބަރު 23 އިން ފެށިގެން އީރާނުގެ އެއާލައިންތަކުގެ ބައިނަލްއަޤްވާމީ އޮޕަރޭޝަންތައް ހުއްޓުމަކަށް އަންނާނެ ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވެއްޖެއެވެ.
ސީއެންބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ބެސެންޓް ވިދާޅުވީ، ދުނިޔޭގެ އެއްވެސް ހިސާބެއްގައި އީރާނުގެ ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި، ގްރައުންޑް ހޭންޑްލިންގް، ލޭންޑިންގް ހިދުމަތްތައް ދިނުމާއި، ޓިކެޓް ވިއްކުމަކީ މީގެ ފަހުން މަނާ ކަމެއް ކަމަށެވެ. މިފަދަ ހިދުމަތެއް ފޯރުކޮށްދޭ ކޮންމެ ފަރާތަކަށް އެމެރިކާގެ ޑޮލަރުގެ މާލީ ނިޒާމުން ބޭރުވުމުގެ ނުރައްކާ އޮންނާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
މިއީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ އެންމެ މަތީ ލީޑަރާއި އަސްކަރީ އިސް ބޭފުޅުން އަވަހާރަކޮށްލުމަށްފަހު، އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ "އިގްތިސާދީ ޑީ-ޑޭ"ގެ އެންމެ ފަހުގެ ފިޔަވަޅެވެ. މީގެ ރައްދުގައި އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
ބެސެންޓް މި ވާހަކަ ދެއްކެވީ ޗައިނާގެ ވައިސް ޕްރިމިއާ ހޭ ލިފެންގްއާ ބައްދަލުކުރެއްވުމަށްފަހުއެވެ. އެ ބައްދަލުވުމުގައި، އީރާނަށް އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ޗައިނާގެ މަރުކަޒީ ބޭންކާއެކު އުއްމީދީ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ޗައިނާއަކީ އީރާނުގެ އެންމެ މުހިންމު އިގްތިސާދީ ބައިވެރިޔާއެވެ.
ކޮމެންޓު ފޮނުވާ