ދާދިފަހުން ނިމިގެންދިޔަ ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ޓީމު ފުރިހަމައަށް އެކުލަވާލެވިއްޖެ ކަމަށާއި، އެ އިންތިހާބު ފަސޭހަކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުވާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރޭ އާޓިފިޝަލް ބީޗުގައި ޕާޓީގެ ކޮންގްރެސް އިންތިޒާމުކުރުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް ޝުކުރު އަދާކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކޮންގްރެސްގައި ޕާޓީގެ މެންބަރުން ދެއްކެވި ޖޯޝާއި ފޯރި އަދި ބަދަހިކަން ކުރިއަށްވެސް ދެމެހެއްޓޭނަމަ، ރައީސް މުއިއްޒުގެ ދެވަނަ ދައުރެއް ޔަގީންވެގެންދާނެ ކަމަށެވެ.
"މަތީ މަޖިލިސް ނިމިގެންދިޔައިރު މިއޮތީ އަޅުގަނޑުމެންގެ 2028ގެ ކެމްޕޭން ޓީމު ވަރަށް ރަނގަޅަށް ތަރުތީބުކުރެވިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ކޮންގްރެސްއަކީ ޕީއެންސީގެ މި ކޮންގްރެސް ކަމަށާއި، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީއެންސީއަށް ފައިހަމަކުރެވޭ ވަރުގެ ކޮންގްރެސްއެއް އެހެން ޕާޓީއަކަށް ނުބޭއްވޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. ބިނާކުރަނިވި ފިކުރު އޮތީ ރައީސް މުއިއްޒާ އެކުގައި ކަމަށާއި، ކޮންމެ ވަގުތެއްވެސް ބޭކާރު ނުކޮށް، ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށްޓަކައި މަސައްކަތްކުރެއްވުމަށް ޕާޓީގެ މެންބަރުންނަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޕީއެންސީގެ ކޮންގްރެސްގައި ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުއިއްޒަށް އަރުވާފަ އެވެ.
ކޮމެންޓު ފޮނުވާ