ބޭރު ފައިސާގެ ޤާނޫނާ ޚިލާފު ވިޔަފާރި ހުއްޓުވުމަށް އެކުލަވާލެވިފައިވާ ޖޮއިންޓް ޓާސްކްފޯހުން ހިންގި އޮޕަރޭޝަނެއްގައި، ގާތްގަނޑަކަށް 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާއާއެކު ބަންގްލަދޭޝްގެ ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި، ޓާސްކްފޯހަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް، ސެޕްޓެމްބަރު 18، 2026 ގައި ހިންގި މި އޮޕަރޭޝަނުގައި، ބަންގްލަދޭޝްއަށް ފުރުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިޔަ މި ހަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި، މި މީހުންގެ އަތުން 18 ޤައުމެއްގެ ފައިސާ ހޯދިފައިވެއެވެ. އޭގެ ތެރޭގައި 174،161 އެމެރިކާ ޑޮލަރާއި، 56،760 ޔޫރޯއާއި، 1،815 އިނގިރޭސި ޕައުންޑް ހިމެނޭއިރު، މި ފައިސާގެ ޖުމްލަ އަގު ދިވެހި ރުފިޔާއިން 3،861،415.29 އަށް އަރައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި، މި ފައިސާ ފޮރުވާފައި ހުރީ ސީރިއަލް ޕެކެޓްތަކުގެ ތެރޭގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ބަންގްލަދޭޝްގެ ހަ މީހުންގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.
ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާ މައިގަނޑު ސަބަބަކީ ބޭރު ފައިސާ ޤަވާޢިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ބޭރު ފައިސާ ޤަވާޢިދާ ޚިލާފަށް ބޭރުކުރުން ހުއްޓުވުމަށް ޚާއްޞަ އޮޕަރޭޝަންތަކެއް މިހާރު ދަނީ ހިންގަމުންނެވެ.
ކޮމެންޓު ފޮނުވާ