ވަޠަނީ ޚިދުމަތުގެ 3ވަނަ ބެޗުން 341 ދަރިވަރުން ދަސްވެނިވެއްޖެ

ވަޠަނީ ޚިދުމަތުގެ 3ވަނަ ބެޗުން 341 ދަރިވަރުން ދަސްވެނިވެއްޖެ

Author
އަހުމަދު
19 ސެޕްޓެމްބަރ 2026 11:19
0

ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ފުރިހަމަކޮށް 341 ދަރިވަރުން ދަސްވެނިވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެވެ.

ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާއި ބެހޭ ވަޒީރު ޙަސަން ރަޝީދުއެވެ. މިދިޔަ މެއިމަހުގެ 17ވަނަ ދުވަހުން ފެށިގެން 15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި، ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވިއެވެ.

ދަސްވެނިވި ދަރިވަރުންނަށް ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ސެޓްފިކެޓާއެކު، ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕުގެ ސެޓްފިކެޓް 3، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގގެ ސެޓްފިކެޓްވެސް ވަނީ ހަވާލުކޮށްފައެވެ. މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕާއި، ހަށިހެޔޮކަމުގެ ތަމްރީނުތަކުގެ އިތުރުން، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް އަދި އަސްކަރީ ތަމްރީނު ޙަރަކާތްތައް ވަނީ ހިމަނާފައެވެ.

މި ބުރުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން ހޮވޭ ދަރިވަރުންނަށް ބ. ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި ވަޠަނީ ޚިދުމަތުގެ 4ވަނަ ބުރުގެ ސެލެކްޝަން މަރުޙަލާ ނިންމައި، ތަމްރީނުތައް ފެށުމުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މީގެ ކުރިން ވަނީ 2 ބެޗެއްގެ ތަމްރީނު ފުރިހަމަކޮށް، ކޮންމެ ބެޗަކުން 344 ދަރިވަރުން ދަސްވެނިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.