ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ނައިބު ރައީސުންގެ މަގާމަށް 6 ބޭފުޅަކު އިންތިޚާބުކޮށްފިއެވެ.
އިއްޔެއިން ފެށިގެން ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން މިއަދު ބޭއްވި އިންތިޚާބުގައި ނައިބު ރައީސުންގެ 6 މަގާމަށް 8 ބޭފުޅަކު ވާދަކުރެއްވި އިރު، ޖުމްލަ 1,095 މެންބަރުން ވޯޓު ދެއްވިއެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ ކިއުއާރް ކޯޑު މެދުވެރިކޮށެވެ.
އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަކީ 968 ވޯޓާއެކު ރާފިޢު، 964 ވޯޓާއެކު ޝިޔާމް، 923 ވޯޓާއެކު ސަޢުދާ، 862 ވޯޓާއެކު ޝުޖާޢު، 833 ވޯޓާއެކު ސަޢީދު އަދި 780 ވޯޓާއެކު މުންދު އެވެ.
އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު މެންދުރުފަހު 2:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ދާއިމީ ނަތީޖާ ހަވީރު 6:00 ގެ ކުރިން އިއުލާންކުރާނެ ކަމަށް ޕީއެންސީގެ އިންތިޚާބީ ކޮމިޓީން ބުނެއެވެ. އަދި އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނާއެކު ޚާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޕީއެންސީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ޗެއާޕާސަނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
ކޮމެންޓު ފޮނުވާ