މަރުވެފައިވާ 700 އަށްވުރެ ގިނަ މީހުންގެ އެކައުންޓަށް އެންސްޕާއިން ޖަމާކުރި 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ކޮންމެވެސް ވަރެއް އަނބުރާ ހޯދޭނެ ކަމަށް އެންސްޕާގެ ސީއީއޯ އައިމިނަތު ޝިރުނާ މިއަދު ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޝިރުނާ ވިދާޅުވީ، ކައުންސިލްތަކަށް ސިޓީ ފޮނުވައިގެން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް، އަނބުރާ ހޯދޭނެ ކަމަށް ލަފާ ކުރެވޭ ފައިސާގެ އަދަދެއް ނުވަތަ ޕަސެންޓެއް މިވަގުތު ހާމަކުރަން ދަތިކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިހާތަނަށް އެ ފައިސާއިން ބައެއް ހޯދިއްޖެ ކަމެއްވެސް އޭނާ ހާމައެއް ނުކުރައްވައެވެ.
މި މައްސަލަ ފެންމަތިވީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝިރުނާ އެ ވާހަކަ ހާމަކުރެއްވުމުންނެވެ. މަރުވެފައިވާ މީހުންގެ އެކައުންޓަށް އެ ފައިސާ ޖަމާވެފައިވަނީ، އެ މީހުން މަރުވިކަން އެންސްޕާގެ ސިސްޓަމުން ނުދައްކާތީއެވެ. މިކަން ދިމާވި މައިގަނޑު ސަބަބަކީ 2020 ވަނަ އަހަރު އެންސްޕާގެ މޮނިޓަރިން ސެކްޝަން އުވާލުމުން، މައުލޫމާތު މަހުން މަހަށް އަޕްޑޭޓް ކުރުމުގެ ނިޒާމު ބޮއްސުންލައިގެން ދިޔުމެވެ.
އެންސްޕާގައި އެހީއަށް އެދި 15،000 އެއްހާ މީހުން ރަޖިސްޓަރީކޮށްފައިވާއިރު، އެހީ ފޯރުކޮށްދެވެނީ އެންމެ ހައްގުވެރި ފަރާތްތަކަށްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝިރުނާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ