ގއ. މާމެންދޫގެ ގެސްޓު ހައުސްއަކާއި ސިއްހީ މަރުކަޒުގެ ބޭސްފިހާރައަކުން 60،000 އަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނިގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، އަންދަލީބުގެ، އުމުރުން 42 އަހަރުގެ އަހްމަދު ސައުދު އާއި، އެ ރަށު ސަންލައިޓްވިލާ، އުމުރުން 33 އަހަރުގެ ހަމްދޫން ހަސަން އެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ސައުދު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާއިރު، ހަމްދޫންގެ ބަންދަށް ދީފައިވަނީ 15 ދުވަހެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ތަހުގީގުގެ ތެރެއިން ވަގަށް ނެގި ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އޭގެ ތެރޭގައި މެކްބުކް، ސާފޭސް ޕްރޯއެއް، ޑީޖޭއައި ޑްރޯން ކެމެރާ ސެޓެއް، ގޯޕްރޯއެއް އަދި ކެނޮން ކެމެރާއެއް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ. ބޭސްފިހާރައިން ވެސް ފައިސާއާއި އެހެނިހެން ބައެއް ތަކެތި ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ