އިންސާނީ ތާރީޚުގައި ފުރަތަމަ ފަހަރަށް، ދުނިޔޭގައި އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ އަދަދަށްވުރެ 65 އަހަރުން މަތީގެ މީހުންގެ އަދަދު ގިނަވެއްޖެއެވެ.
އެމެރިކާގެ ސެންސަސް ބިއުރޯއިން އާންމުކުރި އާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މި ބޮޑު ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުދިން ވިހާ މިންވަރު ދަށްވުމާއި، ސިއްހީ ޚިދުމަތްތައް ރަނގަޅުވުމުގެ ސަބަބުން މީހުން ދިރިއުޅޭ އުމުރު ދިގުވުމެވެ. މިހާރު ދުނިޔޭގެ އާބާދީގެ 71 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅެނީ، އާބާދީ ދެމެހެއްޓުމަށް ބޭނުންވާ މިންވަރު (އަންހެނަކަށް 2.1 ކުދިން) އަށްވުރެ މަދުން ކުދިން ވިހާ ގައުމުތަކުގައި ކަމަށާއި، މީގެ ތެރޭގައި އިންޑިއާ، ޗައިނާ، ބަންގްލަދޭޝް، މެކްސިކޯ އަދި ވިއެޓްނާމް ފަދަ ގައުމުތައް ހިމެނޭ ކަމަށް ރިޕޯޓުގައި ވެއެވެ. 2013 ވަނަ އަހަރު މި ނިސްބަތް ހުރީ އެންމެ 45 އިންސައްތައިގައެވެ.
މިހާރު 852 މިލިއަނުގައި ހުރި ދުނިޔޭގެ ދޮށީ އުމުރުގެ މީހުންގެ އާބާދީ، 2060 ވަނަ އަހަރު 2 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެއެވެ. އެ ދުވަހު ދުނިޔޭގެ މުޅި އާބާދީ 10.23 ބިލިއަނަށް އުފުލޭއިރު، ދުވަސްވީ މީހުންގެ ނިސްބަތް 19.6 އިންސައްތައަށް އަރާނެ ކަމަށާއި، ފަސް އަހަރުން ދަށުގެ ކުދިންގެ ނިސްބަތް 7 އިންސައްތައަށްވުރެ ދަށްވާނެ ކަމަށްވެސް ބުނެއެވެ. މި ބަދަލު އެންމެ ބާރަށް ފެންނަނީ އޭޝިއާ ބައްރުންނެވެ. އޭޝިއާގައި 65 އަހަރުން މަތީގެ އާބާދީ 487 މިލިއަނުން 1.24 ބިލިއަނަށް އުފުލޭނެ ކަމަށް ބެލެވެއެވެ.
ރިޕޯޓުގައި ވަނީ، މަސައްކަތްކުރާ އުމުރުގެ މީހުން މަދުވުމުގެ ސަބަބުން ޕެންޝަން ނިޒާމުތަކަށާއި ސިއްހީ ޚިދުމަތްތަކަށް ބޮޑު ބުރައެއް އުފުލަން ޖެހި، "ފާޓިލިޓީ ޓްރެޕް" އެއްގައި ގައުމުތައް ޖެހޭނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް، އުމުރު ދިގުވުމަކީ ސިއްހީ ދާއިރާއިން ހޯދި ބޮޑު ކާމިޔާބީއެއް ކަމަށާއި، ދޮށީ އުމުރުގެ މީހުންނަކީ ޚަރަދެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި އިގްތިސާދީ ވަސީލަތެއްގެ ގޮތުގައި ދެކެންޖެހޭ ބައެއް ކަމަށް ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވި އެންޑްރޫ ސްކޮޓް ފާހަގަކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ