މާފަރު އެއާޕޯޓް މައްސަލައިގެ އިސްތިއުނާފު ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުން ނިންމައިފި

މާފަރު އެއާޕޯޓް މައްސަލައިގެ އިސްތިއުނާފު ކުރިއަށް ގެންދެވޭނެ ކަމަށް ހައިކޯޓުން ނިންމައިފި

Author
އަހުމަދު
05 ސެޕްޓެމްބަރ 2026 04:26
0

ނ. މާފަރުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް 2013 ވަނަ އަހަރު ދިވެހި ސަރުކާރާއި މިލޭނިއަމް ކެޕިޓަލްއާ ދެމެދު ސޮއިކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގައި، މިލޭނިއަމް ކެޕިޓަލްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ބޭރުކޮށްދިނުމަށް ދައުލަތުން އެދުނު އެދުމަށް ހައިކޯޓުން ދެކޮޅު ހަދައިފިއެވެ.

މާފަރުގައި އެއާޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުން ދައުލަތުން ބާތިލްކުރީ 11 ފެބްރުއަރީ 2016 ގައެވެ. މީގެ އިތުރުން، އެ މަޝްރޫއުގެ މުގާބިލްގައި ރިސޯޓް ތަރައްގީ ކުރުމަށް މިލޭނިއަމް ކެޕިޓަލްއަށް ދޫކުރި ނ. ކުންނަމަލާއާއި ށ. މައިރަށާއި މެދުރަށާއި ދިގު ރަށުގެ އެއްބަސްވުންތައް ވެސް 2016 ވަނަ އަހަރުގެ އޮގަސްޓް މަހު ދައުލަތުން ބާތިލްކުރިއެވެ.

އެ ކަމާ ގުޅިގެން، ދައުލަތުގެ އަމަލުގެ ސަބަބުން 475.7 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް ބުނެ އެ ފައިސާ ހޯދުމަށް މިލޭނިއަމް ކެޕިޓަލްއިން ސިވިލް ކޯޓުގައި ދައުވާ ކުރި ނަމަވެސް، މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސިވިލް ކޯޓުން ހުކުމް ކުރީ އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ބެލޭނެ ތަނެއް ނެތް ކަމަށެވެ. އަދި އެ ފައިސާ ދައުލަތުން ދޭން ނުޖެހޭ ކަމަށްވެސް ހުކުމް ކުރިއެވެ.

ސިވިލް ކޯޓުގެ ހުކުމް މިލޭނިއަމް ކެޕިޓަލްއިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެއީ ހައިކޯޓުގައި ކުރިއަށްގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ބުނެ ދައުލަތުން އިޖުރާއީ އިއުތިރާޒެއް ހުށަހެޅިއެވެ. ނަމަވެސް ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ހައިކޯޓުން ނިންމީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މިލޭނިއަމް ކެޕިޓަލްގެ ދައުވާ ފޯމު ބާތިލް ކުރާނެ ތަނެއް ނެތް ކަމަށެވެ.

ފަހުން މާފަރު އެއާޕޯޓް ތަރައްގީކުރީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެ އެއާޕޯޓް މިހާރު ހިންގަމުން ދަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.