ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި ވަސީލަތްތައް ފޯރުކޮށްދީ، ހާއްސަ ތަމްރީނުތައް ދިނުމުން، ރައްޔިތުން އެދޭފަދަ އޯގާތެރި އަދި ގާބިލު ހިދުމަތެއް ދޭ ތަނަކަށް އެ މުއައްސަސާ ބަދަލުވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުމާ ގުޅިގެން މިއަދު ބޭއްވި އެކުވެރިކަމުގެ ހިނގާލުމަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ ފުރާނަޔާއި މުދާ ރައްކާތެރިކުރުމުގައި ފުލުހުން 24 ގަޑިއިރު ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރު ހަވާލުވިއިރު އަތޮޅުތަކުގައި ފުލުހުންގެ އަމިއްލަ މަރުކަޒުގައި ހިދުމަތް ދެމުން ދިޔައީ އެންމެ 17 މަރުކަޒުގައި ނަމަވެސް، މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިއްޖެއެވެ. އުމްރާނީ ތަރައްގީގެ ގޮންޖެހުންތައް ހުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއާއި ފުލުހުންގެ ލީޑާޝިޕްގެ އިސްނެންގެވުމާއެކު ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ ބޮޑެތި މަސައްކަތްތަކެއް މިހާރު ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެއާއި އަތޮޅުތަކުގައި ކުރިއަށްދިޔަ މި ހިނގާލުމުގައި، މާލެ ސަރަހައްދުގައި އެކަނިވެސް އެކި ރޭންކުތަކުގެ ފުލުހުންނާއި އާންމު މުވައްޒަފުން ހިމެނޭ ގޮތަށް 1,000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
ކޮމެންޓު ފޮނުވާ