ތިލަފުށީ ޕޯޓު މަޝްރޫއަށް ކޮންސަލްޓަންޓަކު ހޯދަން އެމްޕީއެލުން ހުޅުވާލައިފި

ތިލަފުށީ ޕޯޓު މަޝްރޫއަށް ކޮންސަލްޓަންޓަކު ހޯދަން އެމްޕީއެލުން ހުޅުވާލައިފި

Author
އަހުމަދު
05 ސެޕްޓެމްބަރ 2026 01:20
0

ތިލަފުށީގައި ތަރައްގީކުރާ ޕޯޓު މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް، ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން ތިލަފުށީގައި ތަރައްގީކުރާނީ މަލްޓި-ޕާޕަސް ކޮމާޝަލް ޕޯޓެކެވެ. މީގެ ބޭނުމަކީ މާލޭ ވިޔަފާރި ބަނދަރަށް ކުރިމަތިވެފައިވާ ތޮއްޖެހުމަށް ހައްލެއް ހޯދައި، ގައުމީ ފެންވަރުގައި މުދާ އުފުލުމުގެ ގާބިލުކަން އިތުރުކުރުމެވެ. ކޮންސަލްޓެންސީގެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ. ޝަރުތުތަކުގެ ތެރޭގައި، ބޮޑެތި ޕޯޓު ނުވަތަ މެރިން އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގައި މަދުވެގެން 25 އަހަރުގެ ތަޖުރިބާ ހުރުމާއި، ފާއިތުވި 10 އަހަރު ތެރޭގައި މަދުވެގެން ތިން މަޝްރޫއު ނިންމާފައިވުން ހިމެނެ އެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތަކުގެ 80 ޕަސެންޓް ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށާއި، ބާކީ ބައި މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފޯރުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖުލައި މަހު ވަނީ ވިދާޅުވެފަ އެވެ. ތިލަފުށީގައި ޕޯޓު ހިދުމަތް ފެށުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ ތެރެއިން 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި ތިން ހެކްޓަރު ސަރަހައްދެއް ޕޭވްކުރުމުގެ މަސައްކަތް މިދިޔަ މެއި މަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އަދި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އަށެވެ. މުޅި މަޝްރޫއު ނިމޭއިރު 1،000 މީޓަރަށް ވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއަކާއި، 2،000 މީޓަރަށް ވުރެ ދިގު ޑޮމެސްޓިކް ޓާމިނަލެއް ތިލަފުށީގައި ގާއިމުކުރެވިގެންދާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.