ގދ. ތިނަދޫގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ އަޕާ ސައުތު ޕޮލިސްގެ ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި، ގދ. ތިނަދޫ ޕޮލިސް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ މިއްރީޚުގެ ބަލައިފާސްކޮށް ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދޯނާޑް، މުޙައްމަދު ޘަނާއު (31އ) އާއި ޏ. ފުވައްމުލައް، ކެމީ، އިބްރާހީމް ނުއާސް (30އ) އެވެ.
ފުލުހުން ބުނާ ގޮތުގައި މި ދެ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކްކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ދެ މީހުންނެވެ. ބަލައިފާސްކުރި ގޭގެއިން ޖުމްލަ 138.97 ގްރާމުގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ. އޭގެ ތެރޭގައި 107.72 ގްރާމުގެ ޝީޓަކާއި 31.25 ގްރާމުގެ ޕެކެޓެއް ހިމެނެއެވެ. މީގެ އިތުރުން ތިނަދޫގެ އިތުރު ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވެއެވެ.
ކޯޓުން ވަނީ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ