ދިވެހި ފުލުހުންގެ ހިދުމަތަށް 22 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މާލެއާއި ރަށްރަށުގައި ހާއްސަ ހިނގާލުމެއް މިއަދު ހެނދުނު ބާއްވައިފި އެވެ.
މާލޭގައި ބޭއްވި ހިނގާލުން ފަށާފައިވަނީ މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުންނެވެ. މާލެ ވަށައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނާއި، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން، އެކި ރޭންކުތަކުގެ ފުލުހުންނާއި އާންމު މުވައްޒަފުން ހިމެނޭ ގޮތަށް 1،000 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ. ހަމަ މިއާއެކު، ރަށްރަށުގައި ބޭއްވި ހިނގާލުންތަކުގައި ވެސް އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި މުވައްޒަފުން ބައިވެރިވެފައިވެ އެވެ.
ފުލުހުންގެ ބަދަހި ސަފުތައް ރަމްޒުކޮށްދިން މި ހިނގާލުމަކީ، 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު 1 އިން ފެށިގެން ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ހިނގާލުމެކެވެ.
މީގެ އިތުރުން، މިއަދު ހަވީރު ސޯޝަލް ސެންޓަރު ސަރަހައްދުގައި ކުޑަކުދިންނަށް ހާއްސަ ހަވީރެއް އަދި މިރޭ އެ ތަނުގައި "ޕޮލިސް ފެމިލީ ނައިޓް" ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓު ފޮނުވާ