އެމެރިކާއިން އީރާނަށް އަލުން ފެށި ވަރުގަދަ ޙަމަލާތަކާއި، ޔަހޫދީ ދައުލަތުގެ އިންޒާރުތަކާ ގުޅިގެން މެދުއިރުމަތީގެ ތެޔޮ ސަޕްލައި ނުރައްކަލަށް ހުށަހެޅިދާނެ ކަމުގެ ބިރު ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ފާއިތުވި ހަ ހަފުތާގެ އެންމެ މަތީ މިންވަރަށް އުފުލިއްޖެއެވެ.
ވިދިވިދިގެން ހަތަރު ދުވަހު އަގު މައްޗަށް ދިއުމަށްފަހު، ބްރެންޓް ކްރޫޑްގެ އަގު ފީފާއަކުން 1.66 ޑޮލަރު (1.7%) އުފުލި 97.29 ޑޮލަރަށް، އަދި ޑަބްލިޔުޓީއައި ކްރޫޑްގެ އަގު ފީފާއަކުން 2.03 ޑޮލަރު (2.2%) އުފުލި 93.04 ޑޮލަރަށް ވަނީ އަރާފައެވެ.
އީރާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، އެމެރިކާގެ ޙަމަލާތަކުގައި 18 މީހުން ޝަހީދުވެ 108 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ކައިރީގައި އޮތް ކައިވެނި ޙަފްލާއަކަށް ދިން ޙަމަލާއެއްގައި ޝަހީދުވި 4 މީހަކާއި، ވައިގެ ސިފައިންގެ 3 ޕައިލެޓުން ހިމެނެއެވެ. ހަނގުރާމައަށް ހަތް މަސް ފަހުން، މިއީ ޖުލައި މަހަށްފަހު ދެ ޤައުމުގެ ދެމެދު ބަދަލުކުރެވުނު އެންމެ ވަރުގަދަ ޙަމަލާތަކެވެ.
އީރާނުން ރައްދު ޙަމަލާއެއް ދީފިނަމަ އެ ޤައުމުގެ އަސްކަރީ، ޢުމްރާނީ އަދި ހަކަތައިގެ މަރުކަޒުތައް ސުންނާފަތިކޮށްލާނެ ކަމަށް ޔަހޫދީ ދިފާޢީ ވަޒީރު ވަނީ އިންޒާރުދީފައެވެ. ސެކްސޯ ބޭންކުގެ މާކެޓް އެނަލިސްޓް އޯލޭ ހެންސަން ވިދާޅުވި ގޮތުގައި، ތެލުގެ އަގު އުފުލުމުގެ މައިގަނޑު ސަބަބަކީ މި އިންޒާރުތަކެވެ.
މި ނުތަނަވަސްކަމާއެކު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އާންމުކޮށް ދުވާލަކު 13 އުޅަނދު ދަތުރުކުރި ނަމަވެސް، އިއްޔެ ދަތުރުކުރީ އެންމެ 6 އުޅަނދެވެ.
ކޮމެންޓު ފޮނުވާ