ކައުންސިލްތަކުން ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި

ކައުންސިލްތަކުން ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި

Author
އަހުމަދު
02 ސެޕްޓެމްބަރ 2026 02:05
0

ކައުންސިލްތަކުން ވަޒީފާތަކަށް މީހުން ނެގުމުގެ ކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދަ ހޯދަން ލާޒިމުކޮށް، އެ އޮތޯރިޓީން ކައުންސިލްތަކަށް އަންގައިފިއެވެ.

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރައްވައި، ކައުންސިލްތަކަށް އިއްޔެ ފޮނުވި ސިޓީގައި ބުނެފައިވަނީ، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އާމްދަނީން ހަރަދުވާ ގޮތަށް، އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކަށް މީހުން ނެގޭނީ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު ކަމަށެވެ. މި އުސޫލު ތަންފީޒުކުރަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް ސިޓީގައި ބުނެފައިވެއެވެ.

ދާއިމީ ވަޒީފާތަކުގެ އިތުރުން، ކޮންޓްރެކްޓް އެމްޕްލޯއިމަންޓް، ވޭޖް އެމްޕްލޯއިމަންޓް، ކޮންސަލްޓަންސީ އަދި މި ނޫން ވެސް އުޖޫރަ ދެވޭ ކޮންމެ ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިއުލާން ކުރަން ވެސް ޖެހޭނީ އެލްޖީއޭގެ ހުއްދަ ލިބިގެން ކަމަށް އެ ސިޓީގައި ކަނޑައަޅާފައިވެއެވެ.

ސަރުކާރުން ރަށްރަށުގެ ބާރުތައް މާލެއަށް ޖަމާކުރަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދަނީ ފާޑުކިޔަމުންނެވެ. މި ހުއްދައިގެ އިއުލާނު އައިސްފައި މިވަނީ، ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލައި، ކައުންސިލަރުންގެ އަދަދު މަދުކޮށް، ލާމަރުކަޒީ ގާނޫނަށް ކައުންސިލްތަކުގެ ބާރު ދަށްކުރާ ފަދަ ބަދަލުތަކެއް ގެނެސްފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.