ދައުލަތުގެ ޚަރަދު 30 ބިލިއަނާ ގާތަށް، މުސާރައަށް ބޮޑު އިތުރުވުމެއް

ދައުލަތުގެ ޚަރަދު 30 ބިލިއަނާ ގާތަށް، މުސާރައަށް ބޮޑު އިތުރުވުމެއް

Author
އަހުމަދު
02 ސެޕްޓެމްބަރ 2026 07:05
0

ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އުޖޫރައަށް ކުރި ހޭދަ މިއަހަރުގެ މިހާތަނަށް 4.75 ބިލިއަން ރުފިޔާއަށް އަރައި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.7 ޕަސެންޓް ނުވަތަ 533 މިލިއަން ރުފިޔާ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު ދައްކާ ގޮތުން، އޮގަސްޓް 27 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 29.96 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަވި 25.50 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 17.5 ޕަސެންޓްގެ އިތުރުވުމެކެވެ. ފާއިތުވި ހަފުތާގައި އެންމެ ބޮޑަށް އިތުރުވި ޚަރަދަކީވެސް މުވައްޒަފުންގެ މުސާރައެވެ.

ބިމާއި އިމާރާތްތަކަށް ކުރި ހޭދަ 44.6 ޕަސެންޓް އިތުރުވެ 1.24 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުވައްޒަފުންގެ އިނާޔަތްތަކަށް 4.04 ބިލިއަން ރުފިޔާ (6.2 ޕަސެންޓް އިތުރު) އަދި ޕެންޝަނާއި ރިޓަޔަރމަންޓް އިނާޔަތްތަކަށް 1.56 ބިލިއަން ރުފިޔާ (8 ޕަސެންޓް އިތުރު) ވަނީ ހޭދަކޮށްފައެވެ.

އެންމެ ބޮޑު އިތުރުވުމެއް ފެނިފައިވަނީ އެހީއާއި ސަބްސިޑީގެ ދާއިރާއިންނެވެ. މި ބައިން 40.3 ޕަސެންޓް އިތުރުވެ 8.54 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ތެރޭގައި ސަބްސިޑީގެ ގޮތުގައި 3.54 ބިލިއަން ރުފިޔާ އަދި ކައުންސިލްތަކަށް 1.67 ބިލިއަން ރުފިޔާ ހިމެނެއެވެ. އާސަންދައަށްވެސް 1.45 ބިލިއަން ރުފިޔާ (10.7 ޕަސެންޓް އިތުރު) ވަނީ ހޭދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.