ޝާހިދުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގެ އުތުރު ދަތުރު ކުޅުދުއްފުށިން ފައްޓަވަނީ

ޝާހިދުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގެ އުތުރު ދަތުރު ކުޅުދުއްފުށިން ފައްޓަވަނީ

Author
އަހުމަދު
02 ސެޕްޓެމްބަރ 2026 08:00
0

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ވާދަކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދު ﷲ ޝާހިދުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގެ އުތުރު ދަތުރު، މި މަހުގެ 4 އިން 7 އަށް ހދ. ކުޅުދުއްފުށިން ފައްޓަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އުތުރުގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ ކަމަށްވާ ކުޅުދުއްފުށިން ޝާހިދު މި ދަތުރު ފެއްޓެވުމަކީ، އުތުރުގެ ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ދެއްވާ ޚާއްސަ ސަމާލުކަން ދޭހަކޮށްދޭ ކަމެއް ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ބޭފުޅުން ދެކެ އެވެ. ޝާހިދުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ރަސްމީކޮށް ފައްޓަވާފައި ވަނީ ދެކުނުގެ އެންމެ ބޮޑު ސިޓީ، އައްޑޫ ސިޓީގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި އެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، އޭނާ ވެރިކަން ކުރައްވާނީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި، ސާދާ ވެރިކަމެއްގެ ގޮތުގައި ކަމަށާއި، އެންމެ އިސްކުރައްވާނީ ގައުމުގެ ލާބަޔާއި މަސްލަހަތު ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމުގެ ކުރިން، ޕާޓީގެ އިސް މަގާމުގައި ހުންނަވައިގެން އެތެރޭގެ އިންތިޚާބެއްގައި ވާދަކުރެއްވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވިދާޅުވެ، ޝާހިދު ވަނީ އެމްޑީޕީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދުގެ އިތުރުން ރަސްމީކޮށް އިއުލާން ކުރައްވާފައި ވަނީ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްވެސް ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވީ ނަމަވެސް، އެކަން އަދި ރަސްމީކޮށް އިއުލާން ކުރައްވާފައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.