ހުޅުމާލޭ ފޭސް 2 ގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި ނުވަ އަހަރުގެ ޒީވާ ސިނާން އަހުމަދު ދުނިޔެ ދޫކުރީ ސައިކަލުން ވެއްޓުނު ވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކުން ޖެހިގެން ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރައިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީ ރޭ 9:04 ހާއިރު ހިނގި މި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ބުނީ، މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރަކަށް ޑްރައިވަރު އަރަން އުޅުމުގެ ތެރޭގައި، އެ ކާރު އޯވަޓޭކް ކުރި ސައިކަލު އެ މީހާގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓުނު ކަމަށެވެ. އެ ވަގުތު އެ ލޭނުން ދުއްވާފައި އައި ކާރަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބުމުން ކުއްޖާގެ ގައިގައި ޖެހުނީ ކަމަށް ބެލެވޭއިރު، މިކަން ކަށަވަރު ކުރުމަށް ފޮރެންސިކް ތަހުލީލުތައް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުގައި ހިމެނުނު ތިން އުޅަނދު ޓޯކޮށްފައިވާއިރު، މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ އުޅަނދު ދުއްވަމުންދިޔައީ ލައިސަންސް ކުރިން ހިފެހެއްޓިފައި ވަނިކޮށް ކަމަށްވާތީ، ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށް ފިޔަވަޅު އަޅައިފަ އެވެ.
ކޮމެންޓު ފޮނުވާ