ހުއްދަނެތި ޑޮލަރު ވިއްކާ މީހުންގެ މައުލޫމާތު ދިނުމަށް ޚާއްޞަ ހޮޓްލައިނެއް ގާއިމުކޮށްފި

ހުއްދަނެތި ޑޮލަރު ވިއްކާ މީހުންގެ މައުލޫމާތު ދިނުމަށް ޚާއްޞަ ހޮޓްލައިނެއް ގާއިމުކޮށްފި

Author
އަހުމަދު
02 ސެޕްޓެމްބަރ 2026 07:01
0

ހުއްދަނެތި ބޭރު ފައިސާ ވިއްކާ ފަރާތްތަކުގެ މައުލޫމާތު ފުލުހުންނަށް ދިނުމަށްޓަކައި ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައި، މައުލޫމާތު ބަލައިގަތުމަށް ޚާއްޞަ ނަންބަރެއް ކަނޑައަޅައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ލައިސަންސް ނެތި ބޭރު ފައިސާ ބަދަލުކުރުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު، ޓާސްކްފޯހުގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް ހިއްސާކުރުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

ފުލުހުން ބުނީ އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ފޮނުވޭނެ ކަމަށެވެ. އަދި މައުލޫމާތު ދޭ ފަރާތުގެ ވަނަވަރާއި، ދޭ މައުލޫމާތުގެ ސިއްރު ފުރިހަމައަށް ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވެއެވެ. މީގެ އިތުރުން، މައުލޫމާތު ދޭ ފަރާތްތަކުން ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ހުއްދަނެތި ފައިސާ ބަދަލުކުރި ހަތް ފަރާތެއްގެ މައްސަލަ މިހާތަނަށް ތަހުގީގުކުރެވިފައިވާ ކަމަށާއި، ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި ބްލެކް މާކެޓްގައި 76 މިލިއަން އެމެރިކާ ޑޮލަރު ދައުރުވެފައިވާ ކަމަށެވެ.

ބްލެކް މާކެޓްގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އެގޮތުން، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓަށްވުރެ މަތީ އަގުގައި ބޭރު ފައިސާ އިޝްތިހާރުކުރުމާއި ޕްރޮމޯޓް ކުރުމަކީ މަނާ ކަމެކެވެ. އަދި ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެހެން އެއްވެސް ގޮތަކުން ބްލެކް މާކެޓް ރޭޓް ހާމަކުރުމާއި ޝާއިއުކުރުމާއި ފެތުރުމަކީވެސް ކުށެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.