އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ހަރުކަށި އިންޒާރުތަކަށް ބެލުމެއް ނެތި، އުރުދުންގައި ހުންނަ އެމެރިކާގެ މެރިން ސިފައިންގެ މަރުކަޒެއް ކަމަށްވާ "ކޭމްޕް ޓިޓިން" އަށް ބެލިސްޓިކް މިސައިލްގެ ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހާމަކޮށްފި އެވެ.
އައިއާރުޖީސީން ބުނި ގޮތުގައި މި ހަމަލާ ދިނީ މިދިޔަ އަންގާރަ ދުވަހު އީރާނުގެ ދެކުނުގެ ސިޓީ ސިރީކްގައި ބޭއްވި ކައިވެނި ހަފުލާއަކަށް އެމެރިކާއިން ހަމަލާދީ، ކުޑަކުއްޖަކު ހިމެނޭ ގޮތަށް ހަތަރު މީހަކު މަރާލުމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިންނާއި އަސްކަރީ ވަސީލަތްތަކަށް ގެއްލުންވެފައިވާ ކަމަށް އީރާނުން ބުނި ނަމަވެސް، އުރުދުންގެ އަސްކަރިއްޔާއިން ބުނީ ފޮނުވާލި 13 މިސައިލްގެ ތެރެއިން 10 މިސައިލް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށާއި، ބާކީ ތިން މިސައިލް ވެއްޓުނީ ހުސްބިމަކަށް ކަމަށެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް އުރުދުންއިން ބުނެއެވެ.
މި ހަމަލާއާ ގުޅިގެން ޓްރަމްޕް ވަނީ އީރާން "ފުހެލާނެ" ކަމުގެ އިންޒާރު ފޮކްސް ނިއުސް މެދުވެރިކޮށް ދެއްވާފަ އެވެ. މިދިޔަ ފެބްރުއަރީ މަހު ހަނގުރާމަ ފެށުނު ފަހުން ޓްރަމްޕް ގެންދަވަނީ މިފަދަ އިންޒާރުތައް ތަކުރާރު ކުރައްވަމުންނެވެ. އަދި މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ސަމާލުވެ ތިބުމަށް އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އީރާނުގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށް، އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންދާއިރު، އީރާނުން ވެސް ދަނީ ދުނިޔޭގެ ހަކަތައިގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް ބާރު ފޯރުވަމުންނެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ހަތަރު އިންސައްތައަށްވުރެ ބޮޑަށް އުފުލި، އެމެރިކާގެ އެތެރޭގެ ޕެޓްރޯލްގެ އަގުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ.
ކޮމެންޓު ފޮނުވާ