އެމްޓީސީސީގެ ޗެއާމަނަކަށް ފާއިޒު އައްޔަންކުރައްވައިފި

އެމްޓީސީސީގެ ޗެއާމަނަކަށް ފާއިޒު އައްޔަންކުރައްވައިފި

Author
އަހުމަދު
02 ސެޕްޓެމްބަރ 2026 07:01
0

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާމަނުގެ މަގާމަށް ޢަބްދުﷲ ފާއިޒު އައްޔަންކުރައްވައިފިއެވެ.

ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފާއިޒަކީ ކުރިން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއާމަންކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގގެ ޑިރެކްޓަރ ޓޫ ދަ ޗެއާމަންކަމާއި، ވިލާ ހޮޓެލްސްގެ ޑިރެކްޓަރ އޮފް މާކެޓިންގ އެންޑް ޕްރޮމޯޝަންސްގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.

ފާއިޒަކީ މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، މޯލްޑިވްސް ޓްރޭޑާސް އެސޯސިއޭޝަން، މަސީ އަދި ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި 2001 އިން ފެށިގެން ސާކް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ލައިފް މެންބަރެއްގެ ގޮތުގައި ހުންނެވުމުގެ އިތުރުން، އެ ޖަމިއްޔާގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވެއެވެ.

ޢަބްދުﷲ ފާއިޒު ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.