މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ބުޅަލަށް ހާއްސަކޮށްގެން ރަށެއް ތަރައްގީކުރުމުގެ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، 'ކެޓް އައިލެންޑް’އެއް ތަރައްގީކުރުމަށް ބައިނަލްއަގުވާމީ ފަރާތަކުން ޕްރޮޕޯސަލެއް ހުށަހަޅާފައިވާ ކަމަށާއި، މިވަގުތު ކުރިއަށްދަނީ އެ ޕްރޮޕޯސަލްގެ އެވެލުއޭޝަން މަސައްކަތްތައް ކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، ބުޅާތައް ބަންދުކޮށްގެން ގެންގުޅުމުގެ ބަދަލުގައި، ޒަމާނީ ވަސީލަތްތަކާ އެކު ރާއްޖެ ފަދަ ތަނެއްގައި ބުޅަލަށް ހާއްސަ ރަށެއް ތަރައްގީކުރުމަކީ ބޭރު ފަރާތްތަކުގެ ޝައުގުވެރިކަން ވެސް ބޮޑަށް ލިބިގެންދާނެ ކަމެކެވެ. އަދި މި މަޝްރޫއު ކާމިޔާބުވެއްޖެ ނަމަ، އެއީ ބުޅާ އަދި ޕެޓް ކޮމިއުނިޓީއަށް ލިބިގެންދާނެ އުފާވެރި ހަބަރެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ހުޅުމާލޭގައި މިހާރު ހިންގަމުންދާ 'އޮޅުހިޔާ' ބުޅާ ޝެލްޓާ އިތުރަށް ބޮޑުކުރުމުގެ މަސައްކަތްތައް ވެސް ކުރެވެމުންދާ ކަމަށާއި، އެ މަސައްކަތް ނިމުމުން 500 ބުޅާ އެތަނުގައި ގެންގުޅެވޭ ވަރަށް ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. މިވަގުތު އޮޅުހިޔާގައި 281 ބުޅާ ތިބިއިރު، މިދިޔަ މަހު އެކަނިވެސް 35 ބުޅާ އެ ޝެލްޓާއަށް އިތުރަށް ގެނެވިފައިވެ އެވެ.
ކޮމެންޓު ފޮނުވާ