ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމަށް ހަފުތާއަކު ކުރާ ދަތުރުތަކުގެ އަދަދު ފަހަކުން ހަޔަކަށް އިތުރުކުރަން ނިންމައިފިއެވެ.
މޯލްޑިވިއަން އިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމުގެ ގޮތުން، އަންނަ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން މި ދެ މަންޒިލަށް އާދީއްތަ ދުވަހު ވެސް ދަތުރު ފެށޭނެ ކަމަށެވެ. މިއާއެކު ހޯމަ، ބުދަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ބާއްވަމުން އަންނަ ދަތުރުތަކުގެ އަދަދު ހަޔަކަށް އިތުރުވާނެއެވެ. މި އިތުރު ދަތުރުތަކަށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ބޭސްފަރުވާއަށާއި ވިޔަފާރި އަދި ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ދިވެހިން އިންޑިއާއަށް ދަތުރުކުރާތީ، މި މަންޒިލްތަކުގެ ޑިމާންޑް އަބަދުވެސް ބޮޑެވެ. މޯލްޑިވިއަނުން ބުނާ ގޮތުގައި، މި ބަދަލަކީ ދަތުރުވެރިންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް އިޖާބަދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
ރާއްޖޭގެ ގައުމީ އެއާލައިނުން މިވަގުތު ބައިނަލްއަގުވާމީ ހަތަރު ގައުމެއްގެ ހަތް މަންޒިލަކަށް ޝެޑިއުލް ދަތުރުތައް ބާއްވަމުން ދާއިރު، އޭގެ ތެރޭގައި އިންޑިއާގެ ދެ ސިޓީގެ އިތުރުން ބަންގްލަދޭޝްގެ ޑާކާ، ޗައިނާގެ ތިން ސިޓީ އަދި އޮސްޓްރޭލިއާގެ މެލްބަން ހިމެނެއެވެ. ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ އެއާލައިނުގެ ފްލީޓަށް ދާދިފަހުން ވައިޑް-ބޮޑީ މަތިންދާބޯޓެއް އިތުރުކުރިއިރު، ކުރިއަށް އޮތްތަނުގައި އިތުރު ވައިޑް-ބޮޑީ ބޯޓުތައް ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ