ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.7 އިންސައްތަ ދަށަށް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.7 އިންސައްތަ ދަށަށް

Author
އަހުމަދު
01 ސެޕްޓެމްބަރ 2026 08:26
0

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 55,788 މަދުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އޮގަސްޓް މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1.44 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިއީ 2025ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.7 އިންސައްތައިގެ ދަށްވުމެކެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރަށާއި ތެލުގެ އަގަށް އައި ބަދަލުތައް ހިމެނެއެވެ.

އަހަރުގެ ފުރަތަމަ ދެ މަހު ފަތުރުވެރިކަން އޮތީ ކުރިއަރަމުންނެވެ. ޖެނުއަރީ މަހު 5.0 އިންސައްތައިގެ ކުރިއެރުމެއް ހޯދިއިރު، ފެބްރުއަރީ މަހު 17.7 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު 254,556 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ނަމަވެސް މާރިޗު މަހު 19.8 އިންސައްތަ، އަދި އޭޕްރީލް މަހު 24.4 އިންސައްތަ އަދަދު ދަށަށް ދިޔައެވެ. މެއި، ޖޫން އަދި ޖުލައި މަހުވެސް ތަފާތު ބަދަލުތަކެއް ފެނިފައިވެއެވެ.

އެހެންނަމަވެސް ފާއިތުވި އޮގަސްޓް މަހުގެ ނަތީޖާ ދައްކަނީ އުއްމީދީ މަންޒަރެކެވެ. އެ މަހުގެ 1އިން 30އަށް 191,783 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއީ ފާއިތުވި އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 2.1 އިންސައްތައިގެ ކުރިއެރުމެކެވެ.

ޚާއްޞަކޮށް ފާހަގަކޮށްލެވެނީ ކްރޫޒް ފަސިންޖަރުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވުމެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 8,263 ކްރޫޒް ފަސިންޖަރުން ރެކޯޑުކުރެވިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 15,577 އަށް އަރާފައެވެ. މީގެ މައިގަނޑު ސަބަބަކީ ފެބްރުއަރީ އަދި މާރިޗު މަހު ކްރޫޒް ފަސިންޖަރުން އައި އަދަދު އިތުރުވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.