ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް، ލާމަރުކަޒީ ޤާނޫނަށް ގެނައި 19 ވަނަ އިޞްލާޙުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ މިދިޔަ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި ބިލެކެވެ.
އައު އިޞްލާޙުގައިވާ ގޮތުން، ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ބިމެއްގައި ސަރުކާރުގެ މަޝްރޫޢެއް ހިންގުމަށްޓަކައި، އެ ބިމެއް ކައުންސިލްގެ އިޚްތިޞާޞުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެއެވެ. އަދި ވަޒީރުންގެ މަޖިލީހުން އެފަދަ ނިންމުމެއް ނިންމުމަށްފަހު، އެކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލަށް އެންގުމުން، އެ ބިމެއް ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެއެވެ.
އެހެންނަމަވެސް، ބިމެއް ވަކިކުރުމުގެ ކުރިން އެކަމުގެ މަޢުލޫމާތު ޢާންމުކުރުމާއި، ކައުންސިލްގެ ހިޔާލާއި މަޝްވަރާ ހޯދުމާއި، ޝަކުވާ ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތެއް ދިނުމަކީ ސަރުކާރުން ފުރިހަމަކުރަންޖެހޭނެ ކަންކަން ކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ޤައުމީ އިދާރާތަކުން ކައުންސިލްތައް މެދުވެރިކޮށް ޚިދުމަތްދިނުމަށްޓަކައި، އިދާރީ ދާއިރާތަކުގައި އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް ޤާއިމުކުރުމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
ކޮމެންޓު ފޮނުވާ