ކުޑަކުއްޖަކާ އުޅަނދު ދުއްވަން ހަވާލުކޮށްފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގާނޫނު ތަސްދީގު ކޮށްފި

ކުޑަކުއްޖަކާ އުޅަނދު ދުއްވަން ހަވާލުކޮށްފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގާނޫނު ތަސްދީގު ކޮށްފި

Author
އަހުމަދު
01 ސެޕްޓެމްބަރ 2026 02:25
0

އެއްގަމު އުޅަނދެއްގެ ކޮންޓްރޯލް ކުޑަކުއްޖަކާ ނުވަތަ ލައިސަންސް ނެތް މީހަކާ ހަވާލުކޮށްފި ނަމަ ބޮޑެތި އަދަބުތަކެއް ލިބޭ ގޮތަށް އެކުލަވާލި އެއްގަމު ދަތުރުފަތުރުގެ އައު ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ތަސްދީޤު ކުރައްވައިފިއެވެ.

އައު ޤާނޫނުގެ 103 ވަނަ މާއްދާގައި ވާ ގޮތުން، އުޅަނދުގެ ކޮންޓްރޯލް ކުޑަކުއްޖަކާ ނުވަތަ ލައިސަންސް ނެތް މީހަކާ ހަވާލުކުރުމާއި، އުޅަނދުގެ ހުންގާނު ފަސިންޖަރު ސީޓުގައި އިންނަ މީހަކާ ހަވާލުކުރުމަކީ ކުށެކެވެ. މިފަދަ ކުށެއް ކޮށްފި ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25,000 އާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީހަކަށް އަނިޔާއެއް ލިބިއްޖެ ނަމަ ޖޫރިމަނާ 50,000 އާއި 100,000 ރުފިޔާއާ ދެމެދު އަރާނެއެވެ. ނަމަވެސް، ކޮންޓްރޯލް ހަވާލުކުރީ ކުޑަކުއްޖަކާ ކަމަށްވާ ނަމަ، ޖޫރިމަނާ ކުރެވޭނީ ޤާނޫނުގައި ބުނާ އެންމެ ބޮޑު އަދަދުންނެވެ. އެއީ 50,000 ރުފިޔާ، ނުވަތަ އަނިޔާއެއް ލިބިއްޖެ ނަމަ 100,000 ރުފިޔާއެވެ.

މީގެއިތުރުން، މިފަދަ ޢަމަލެއްގެ ސަބަބުން މީހަކަށް އަނިޔާވެ ނުވަތަ މީހަކު މަރުވެއްޖެ ނަމަ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖިނާއީ ދަޢުވާ ކުރުމަށް މި ޤާނޫނު ހުރަހެއް ނާޅައެވެ. ފިޔަވަޅު އެޅޭ މީހާގެ ލައިސަންސް 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ބާޠިލުކުރެވޭއިރު، ލައިސަންސް ނެތް މީހެއް ނަމަ އެ މުއްދަތުގައި ލައިސަންސް ހޯދުމަށް އެދުމުގެ ޙައްޤުވެސް ގެއްލޭނެއެވެ. އަލުން ލައިސަންސް ލިބޭނީ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހުއެވެ.

މި އައު ޤާނޫނަށް ޢަމަލުކުރަން ފެށޭނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަސް ފަހުންނެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މިހާރު ޢަމަލުކުރަމުންދާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (2009/5) އާއި މަގުމަތީގައި ހިނގައުޅުމުގެ ޤާނޫނު (78/70) އުވިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.